Last Updated: October 20, 23:39
Monday, October 21, 2019
ކުޅިވަރު

އާޖެންޓީނާ މޮޅުވިއިރު މެސީ އަށް ރަތެއް

ލިއޮނަލް މެސީ އަށް ރަތްކާޑު ދެއްކި ނަމަވެސް ޗިލީ އަތުން 2-1 އިން މޮޅުވެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މަގާމު އާޖެންޓީނާ ހޯދައިފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 12 ވަނަ މިނެޓްގައި ޕައުލޯ ޑިބާލާ ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްްދީފައެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި މެސީ ދިން ޕާހަކުން ޕައުލޯ ޑިބާލާ ވަނީ އާޖެންޓީނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އާޖެންޓީނާ ދެ ގޯލުގެ ލީޑެއްގައި އޮއްވާ މެޗުގެ 37 ވަނަ މިނެޓްގައި ރެފްރީ ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި ޗިލީގެ ގެރީ މެޑަލް އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެސީ އާއި މެޑަލް އަށް ރަތްކާޑު ދެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ކުރިމަތިލުމަކާ ގުޅިގެންނެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ އަށް ދެއްކި ދެވަނަ ރަތްކާޑެވެ.

މެޗުގެ ބާކީބައި ދެ ޓީމުން ވެސް 10 ކުޅުންތެރިންނާ އެކު ފުރިހަމަ ކުރަން ޖެހުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އާޓޫރޯ ވިޑާލް ވަނީ ޗިލީ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ގޯލަށްފަހު އާޖެންޓީނާގެ ގޯލަށް ޗިލީން ޕްރެޝަރު ކުރަމުންދިޔަ ނަމަވެސް އިތުރު ގޯލެއް އެޓީމަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މުބާރާތުގެ ތިންވަނަ މަގާމު އާޖެންޓީނާ އިން ހޯދިއިރު، މުބާރާތުގެ ފައިނަލްގައި މިރޭ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލް އިން ނިކުންނާނީ ޕެރޫއާ ދެކޮޅަށެވެ.

އެ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން ދަންވަރު 1 ޖަހާއިރުއެވެ.