Last Updated: April 23, 21:11
Tuesday, April 23, 2024
ކުޅިވަރު

ދެކުނު އެފްރިކާ އަތުން ބަލިވެ މިސްރު ކަޓައިފި

1-0 އިން ދެކުނު އެފްރިކާ އަތުން ބަލިވެ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުން، މުބާރާތް ބާއްވާ ގައުމު ކަމަށްވާ މިސްރު ކަޓައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގައި ދެކުނު އެފްރިކާ އިން މޮޅު ކުޅުމެއް ދެއްކިއިރު މިސްރަށް މި މެޗުގައި މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެގޮތުން މުޅި މެޗުގައި ވެސް މިސްރަށް ގޯލްޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ މަހުމޫދު ޓްރެޒެގޭ އަށް ކަމަށްވާއިރު އޭނާ ފޮނުވާލި ހަމަލާ ދެކުނު އެފްރިކާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ ކުރީކޮޅު މިސްރުގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހު ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 85 ވަނަ މިނެޓްގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ދެކުނު އެފްރިކާ އަށް ކާމިޔާބުކޮށްދިނީ ތެމްބިންކޮސީ ލޯޗްއެވެ.

ދެކުނު އެފްރިކާ އަތުން ބަލިވެ މުބާރާތުން މިސްރު ކެޓިއިރު މިއީ 2004 ވަނަ އަހަރަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް އެޓީމަށް ދަތުރުނުކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ދެކުނު އެފްރިކާގެ އިތުރުން ރޭ ކެމަރޫންގެ މައްޗަށް 2-3 އިން ކުރި ހޯދައި ނައިޖީރިޔާ ވެސް ވަނީ މުބާރާތުގެ ކުއާޓާފައިނަލުން ޖާގައެއް ހޯދާފައެވެ. ކެމަރޫން އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.