Last Updated: April 25, 09:10
Thursday, April 25, 2024
ވިޔަފާރި

ހުޅުމާލެ ރަށު މާރުކޭޓުން ގޮޅިތައް ދޫކުރަން ފަށައިފި

ފޮޓޯ- އެޗްޑީސީ

ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓުން ގޮޅިތައް ހިންގުމަށް ގުރުޢަތުން ހޮވުނު ފަރާތްތަކާއެކު އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

އެޗްޑީސީން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް 42 ފަރާތަކަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ. ރަށު މާރުކޭޓުން ގޮޅި ހޯދުމަށް 871 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިއެވެ. އޭގެ ތެރެއިން 29 ފަރާތަކާއި އެކު އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އަދި މާދަމާ ބާކީ ތިބި 28 ފަރާތާއި އެކު ސޮއިކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއިކުރާތާ 15 ދުވަސްތެރޭ ގޮޅިތައް ހުޅުވާ ޙިދުމަތްދޭން ފަށަން ޖެހޭނެ ކަމަށެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކޮށްފައިވާއިރު މި މާރުކޭޓުގައި ޖުމްލަ 57 ގޮޅި ހިމެނެއެވެ. ގޮޅިތައް ދޫކޮށްފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ އުފެއްދުންތަކަށް ޚާއްސަ 37 ގޮޅިއާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅި ހިމެނެއެވެ. މި ގޮޅިތަކުގެ ބޮޑުމިނުގައި 80 އަކަ ފޫޓު ހުރެއެވެ.

ހުޅުމާލެ ފެރީ ޓާރމިނަލް ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ މި ލޯކަލް މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހިން އުފައްދާ ކާބޯތަކެއްޗާއި ރޯމަހުގެ ބާވަތްތައް އާއްމުނަށް ފަސޭހަކަމާއިއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޤާއިމްކޮށްފައިވާ މާރުކޭޓެކެވެ.