Last Updated: April 25, 10:47
Thursday, April 25, 2024
ދުނިޔެ

އާދަޔާ ޚިލާފަށް ހޫނުގަދަވެ އިންޑިޔާ އިން 100 މީހުން މަރުވެއްޖެ

އިންޑިއާގެ ޒުވާނުންތަކެއް ---

ހޫނު ގަދަވުމުގެ ސަބަބުން އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ބޮޑު ސަރަހައްދެއް ހޫނުވުމުގެ ސަބަބުން އެތަންތާ ދިރިއުޅޭ ގިނަ ބަޔަކަށް ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. އަދި ކުރިއަށްއޮތް އަހަރުތަކުގައި އިންޑިއާގެ ހޫނުމިން މިއަށްވުރެ އިތުރުވާނެ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އިންޑީއާގައި އެންމެ ހޫނުމިން ގަދަވަނީ ކޮންމެ އަހަރަކުގެ މާޗް މަހާއި ޖުލައި މަހާއި ދެމެދުގައެވެ. ނަމަވެސް އަހަރުތަކެއް ފާއިތުވަމުން ދާވަރަކަށް އިންޑިއާގެ ހޫނުމިން އިތުރުވެ، ހޫނު ގަދަވާ ދުވަސްތައް ދިގުވަމުންދާކަމަށް ރިޕޯޓްތަކުން ހާމަކުރެއެވެ.

އައިޕީސީސީއިން ބުނާގޮތުންނަމަ، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭނެ އެއް ގައުމު ތެރޭގައި އިންޑިއާ ހިމެނެއެވެ. އެމްއައިޓީގައި މަސައްކަތް ކުރަމުންދާ ތަޖްރިބާކާރުން ވިދާޅުވީ، ބައިނަލްއަގްވާމީ ފެންވަރުގައި ކާބަން އެމިޝަން އަދި ދުނިޔޭގެ ހޫނުމިން ދަށް ކުރިކަމުގައިވިޔަސް، އިންޑިއާގެ އެކި ސަރަހައްދުތައް ހޫނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެތަންތާ ދިރިއުޅޭ މީހުންނަށްވެސް ހޫނު ގަދަ ވުމުގެ ސަބަބުން ގެއްލުންވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ، އިންޑިއާގެ އެކި ސަރަހައްދުތަކުގެ ފިނި ހޫނު މިން ތަފާތެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ތެރޭގަވެސް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހޫނުމިން ވަނީ 45 ޑިގްރީ ސެލްސިއަސް މަތިވެފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހަކީ އިންޑިއާގެ ސިޓީއެއްކަމަށްވާ، ދިއްލީއަށްވެސް އެންމެ ހޫނުގަދަވި ފަހަރުކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެގޮތުން ދިއްލީގެ ހޫނުމިން 48 ޑިގްރީ ސެލްސިއަސް މައްޗަށް އަރާފައިވެއެވެ. އިންޑީއާއަށް މިހާތަނަށް އެންމެ ހޫނުވެފައިވާ ރިކޯޑް އަދަދަކީ 50.6 ޑިގްރީ ސެލްސިއަސްއެވެ.

އިންޑިއާއަށް ހޫނު ގަދަވެ 100 މީހުން މަރުވުމާ ގުޅިގެން އިންޑީއާގެ އެންމް ފަގީރު ސްޓޭޓްކަމަށްވާ، ބިހާރްގެ ސްކޫލަތަކާއި ކޮލެޖްތައް އަދި ކޯޗިންގް ސެންޓަރުތައްވަނީ ފަސް ދުވަހަށް ބަންދު ކޮށްފައެވެ. އިންޑިއާގެ އިތުރަށް ސްޕެއިން، ޗައިނާ، ނޭޕާލް އަދި ޒިމްބާބްވޭއަށްވެސް މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެކެވެ.

ޖައްވުގައި ގްރީން ހައުސް ގޭސް އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ސީދާ އަސަރުތައް ފޯރާނެ ކަމަށް ބެލެވެއެވެ. އެގޮތުން އިންޑިއާގެ އެންމެ އާބާދީ ބޮޑު އެއް ސީޓީއެއް ކަމަށްވާ ޕަޓްނާ، ލަކްނައުއަށް މީގެ އަސަރުތައް ކުރާނެ ކަމަށް ބެލެވެއެވެ. މި ދެ ސިޓީގެ ޖުމަލް އާބާދީއަކީ 4 މިލިއަނެވެ. އަދި އެމީހުންގެ ދިރިއުޅުން ބޮޑަށް ބިނާވެފައިވަނީ މަސްވެރިކަންކުރުމަށާއި، ދަނޑުވެރިކަން ކުރުމަށެވެ. އެގޮތުން ދުނިޔޭގެ ހޫނު މިން އިތުރުވުމުގެ ސަބަބުން އެމީހުންގެ ދިރިއުޅުން އެންމެ ބޮޑަށް ބަރޯސާވެފައިވާ، ދަނޑުވެރިކަމަށާއި، މަސްވެރިކަމަށްވެސް ދަނީ މީގެ އަސަރުތައް ކުރަމުންނެވެ.

އިންޑީއާއަށް ހޫނުމިން ދަށްކުރުމަށް އެގައުމުގެ ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީވަނީ 500 ގިގަވަޓްސްގެ އިޔާދަ ކުރަނިވި ހަކަތަ 2030 އާއި ހަމައަށް އުފެއްދުމަށް ޕްލޭނެއް އެކުލަވާލާފައެވެ. މީގެ އިތުރަށް ކާބަން އެމިޝަން ދަށް ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ގަސް އިންދުމުގެ ހަރަކާތްތައްވެސް ވަނީ ފަށާފައެވެ.