Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ކޮޕަ އެމެރިކާ ބްރެޒިލް އިން ކާމިޔާބުކޮށްފި

3-1 އިން ޕެރޫ ބަލިކުރުމަށްފަހު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލް އިން ކާމިޔާބުކޮށްފިއެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ބްރެޒިލް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 15 ވަނަ މިނެޓްގައި އެވަޓަން ސޯރެސް ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މެޗުގެ 44 ވަނަ މިނެޓްގައި ޕެރޫ އަށް ލިބުނު ޕެނަލްޓީ އަކުން ޕައުލޯ ގުރޭރޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، ހާފްގެ ފަހު މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ ބްރެޒިލް އަށް އަލުން ލީޑު ނަގާފައެވެ.

ދެވަނަ ހާފްގައި މެޗު ކޮންޓްރޯލްކޮށްގެން ބްރެޒިލް އިން ކުޅެމުންދިޔައިރު، މެޗުގެ 70 ވަނަ މިނެޓްގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ބްރެޒިލްގެ ގެބްރިއަލް އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ބާކީބައި ބްރެޒިލް އިން 10 ކުޅުންތެރިންނާ އެކު ފުރިހަމަ ކުރަން ޖެހުނުއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ.

މިއީ 2007 ވަނަ އަހަރަށްފަހު ބްރެޒިލް އިން ކޮޕަ އެމެރިކާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މި މުބާރާތް އެޓީމުން ކާމިޔާބުކުރި 9 ވަނަ ފަހަރުވެސް މެއެވެ.