Last Updated: April 19, 21:43
Friday, April 19, 2024
ކުޅިވަރު

އަންހެނުންގެ ވޯލްޑް ކަޕް އެމެރިކާ އިން ދިފާއުކޮށްފި

2-0 އިން ނެދަލޭންޑްސް ބަލިކޮށް އަންހެނުންގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެމެރިކާ އިން ހޯދައިފިއެވެ.

ފްރާންސްގެ ވެރިރަށް ލިޔޯންގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ނުރައްކާތެރި ހަތަރު ހަމަލާއެއް އެމެރިކާ އިން ވަނީ ނެދަލޭންޑްސްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތައް ދިފާއުކުރުމުގައި މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ނެދަލޭންޑްސްގެ ކީޕަރު ވީނެންޑާލްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ނުފެނުނު ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި އެމެރިކާ އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން އެމެރިކާ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މެގަން ރެޕީނޯއެވެ.

އަދި އޭގެ އަށް މިނެޓްފަހުން ރޯސް ލަވެލް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެމެރިކާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ދެ ގޯލަށްފަހު ވެސް އިތުރު ފުރުސަތުތަކެއް އެމެރިކާ އިން ވަނީ ތަނަވަސްކޮށްފައެވެ.

މިއީ އެމެރިކާ އިން އަންހެނުންގެ ވޯލްޑް ކަޕް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރު ކަމަށްވާއިރު، މިއީ އެޓީމުގެ ތާރީހުގައި މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މިއީ އަންހެނުންގެ ވޯލްޑް ކަޕްގެ ރެކޯޑެއް ވެސް މެއެވެ.

ރޭގެ މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ ޓްރޮޕީ ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު އެމެރިކާގެ ރެޕީނޯ ހޯދިއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށްދޭ ރަން ބޫޓު ވެސް ހޯދީ އޭނާއެވެ.

އެންމެ މޮޅު ކީޕަރުގެ މަގާމު ނެދަލޭންޑްސްގެ ކީޕަރު ވީނެންޑާލް ހޯދިއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ޖަރުމަނުގެ ގިއުލިއާ ވިންއެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ފްރާންސްއެވެ.