Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

ކަރުދާސް ޓިކެޓް މަދުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

އެމްޓީސީސީގެ ދަތުރު ކާޑް

އެމްޓީސީސީގެ ފެރީ ޓަރމިނަލްތަކުގައި ކަރުދާސް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ކަރުދާސް ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން، ޓިކެޓްގެ ބަދަލުގައި ޚާއްސަ ޓޯކަންއެއް ނުވަތަ ކާޑެއް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިލިމާލެއާއި މާލެއާ ދޭތެރޭ ދެމުންދާ ފެރީގެ ދަތުރުކުރުމަށް ގަންނަ ޓިކެޓަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމްޓީސީސީން ބުނީ ފުރަތަމަ ޓްރައިލް ރައުންޑެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދިއުމަށް، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ނިޔަލަށް ވަކި ވަގުތުތަކެއްގައި ދަތުރުކުރުމަށް ބޭނުންކުރާނީ މި ޓޯކަންކަމަށެވެ. އެގަޑިތަކަކީ ހެނދުނު ދިހައަކުން ފެށިގެން ބާރައަށް އަދި ރޭގަނޑު އަށަކުން ދިހައަކަށްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެހެންކަމުން އެވަގުތުތަކުގައި ފެރީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ކަރުދާސް ޓިކެޓްގެ ބަދަލުގައި ދޫކުރެވޭނީ އިލެކްޓްރޯނިކް ސިންގަލް ޖާރނީ ޓޯކަންއެއްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިކާޑަކީ މިވަގުތު ޓްރައިލްއެއްގެ ގޮތުގައި ބޭނުންކުރާ ކާޑެއްކަމަށްވެފައި، ފެރީގެ ޙިދްމަތް ހޯދައްވާ ފަރާތްތަކަށް ދިމާވެދާނޭ ދައްޗަކަށް މައާފްއެދޭކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެމްޓީސީސީން ވަނީ ހުޅުމާލެއާއި މާލެއާ ދަތުރުކުރާ ފެރީތަކަށް ޚާއްސަކޮށް ދަތުރުކާޑެއްވެސް ތަޢާރަފްކޮށްފައެވެ. ނަމަވެސް ހުޅުމާލެއާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ޕްރީމިއަމް ފެރީއަށް ބަދަލުކުރި ފަހުން އެކާޑު ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް މާލެއާއި ހުޅުމާލެއާ ދެމެދު އެމްޕީއެލްއިން ބަހުގެ ޚިދުމަތް ދެނީ ކަރުދާސް ޓިކެޓުގެ ބަދަލުގައި ދަތުރު ކާޑެއް ބޭނުންކޮށްގެނެވެ.