Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ފަރިތަކުރުންތަކަށް ނުނިކުތުމުން ނޭމާ އަށް ފިޔަވަޅު އަޅަނީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ، އެ ކްލަބުގެ ޕްރީ ސީޒަން ފަރިތަކުރުންތަކަށް ނުނިކުތުމުން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ޕްރީ ސީޒަން ފަރިތަކުރުންތަކަށް ނޭމާ އިއްޔެ ނިކުންނަން ޖެހޭއިރު އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ނޭމާ ފަރިތަކުރުންތަކަށް ނިކުމެފައިނުވަނީ ކްލަބުގެ އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ކަމަށާއި މިއީ ކްލަބުން ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

އަދި މިކަމުގައި ނޭމާއާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށްވެސް ޕީއެސްޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނޭމާ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނިކުމެފައިނުވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ނޭމާ ގެންނަން އޭނާ ކުރިން ކުޅުނު ކްލަބު ކަމަށްވާ ބާސެލޯނާ އިން ޝައުގުވެރިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނޭމާ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު ބާސާ އިން 222 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް 58 މެޗު ކުޅެދީ 51 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ މިހާތަނަށް ފްރެންޗު ލީގު ދެ ފަހަރު އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ.