Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

އެމްޓީސީސީގެ ބޯޑަށް އައު ޑިރެކްޓަރުން އައްޔަންކޮށްފި

އެމްޓީސީސީގެ ބޯޑަށް އައު ޑިރެކްޓަރުންގެ ގޮތުގައި ފަތުހުﷲ އިސްމާޢީލްއާއި އަހުމަދު އަބޫބަކުރު އައްޔަންކުރައްވައިފިއެވެ.

އެމްޓީސީސީގެ ބޯޑަށް އައު ޑިރެކްްޓަރުން އައްޔަންކޮށްފައިވަނީ، ރޭ ހޮޓެލް ޖެންގައި ބޭއްވި އެކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

ފަތުހުﷲ އިސްމާޢިލް އިންތިޚާބުވެފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުގެ 35 އިންސައްތައިންނެވެ. އަދި އަހުމަދު އަބޫބަކުރު އިންތިޚާބުވެފައިވަނީ ނެގުނު ވޯޓުގެ 34 އިންސައްތަ ލިބިގެންނެވެ.

މިބޭފުޅުންނާއެކު އެމްޓީސީސީގެ ބޯޑުގައި 7 ޑިރެކްޓަރުން ތިއްބަވައެވެ. އެއީ ޗެއަރމަން މުހައްމަދު ފަހީމް، ކުންފުނީގެ ސީއީއޯ ހަސަން ޝާހު އަދި ބޯޑު މެމްބަރުންކަމަށްވާ ޝާހިދު ހުސެން މޫސާ، އަބްދުﷲ ޝާއިރު އަދި ސިނާން އަލީއެވެ.

މި ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2019 ވަނަ އަހަރަށް ކުންފުންޏަށް އޮޑިޓަރުން ކަނޑައެޅުމުގެ އިތުރުން ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބަހާނެ ހިއްސާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ވޯޓު ނަގާފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ ދަށްވުމާއި ގުޅިގެން ޑިރެކްޓަރުންގެ ބޯޑުން ހިއްސާ ނުބެހުމަށް ހުށަހަޅާފައިވާ ހުށަހެޅުން ވަނީ ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުގެ 97.8 އިންސައްތައިން ފާސްވެފައެވެ.

އެމްޓީސީސީގެ ބުނީ މިދިޔަ އަހަރުގެ ފައިދާ މައިގަނޑުގޮތެއްގައި ދަށްވެފައިވަނީ ދަތުރުފަތުރުގެ ދާއިރާގައި ކުންފުންޏަށް ލިބުނު ގެއްލުމާއި ގުޅިގެންކަމަށެވެ. އެމްޓީސީސީއިން ބުނީ ދަތުރުފަތުރުގެ ވިޔަފާރިން އެމްޓިސީސީއަށް ގެއްލުން ކުޑަކުރުމަށްޓަކައި ސަރުކާރާއި މަޝްވަރާކޮށްގެން ސަބްސިޑީ ހޯދުމުގެ މަސައްކަތް މިހާރު ކުންފުނިން ކުރަމުންދާކަމަށެވެ.

އެމްޓީސީސީއަށް ފާއިތުވި އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.28 ބިލިއަން ރުފިޔާއެވެ.