Last Updated: March 29, 11:09
Friday, March 29, 2024
ވިޔަފާރި

އިސްލާމިކް ބޭންކުގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) -- ވީފައިލް ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖުލައިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިސްލާމިކް ބޭންކުން ބުނީ ކުންފުނީގެ %31 ހިއްސާ ވިއްކުމަށް ނިންމާފައިވާކަމަށެވެ. އެއީ ޖުމްލަ 6.9 މިލިއަން ހިއްސާއެވެ. އެމްއައިބީގެ ހިއްސާ ވިއްކުމަށް ނިންމާފައިވަނީ ހިއްސާއެއް 35 ރުފިޔާއަށެވެ. އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކާއިރު ހިއްސާ 2 ބަޔަކަށް ބެހޭކަމަށް ބޭންކުން ބުނެއެވެ. އެއީ އިސްލާމިކް ބޭންކުގެ 157 މިލިއަން ރުފިޔާގެ ހިއްސާ އަދި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރގެ 87 މިލިއަން ރުފިޔާގެ ހިއްސާއެވެ.

ބޭންކުން ބުނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ. އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާއިރު މަދުވެގެން ގަނެވޭނީ 20 ހިއްސާއެވެ. އެއީ ހިއްސާއަކަށް 35 ރުފިޔާ ރޭޓުންކަމަށްވާނަމަ 700 ރުފިޔާގެ ހިއްސާކަމަށް ބޭންކުން ބުނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކުމަށް ނިންމާފައި މިވަނީ، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްފަހު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމަށްފަހުގައެވެ. އެމްއައިބީން ބުނީ އޮންލައިންކޮށް ޚިއްސާ ގަނެވޭނެ ނިޒާމެއް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހިއްސާ ގަތުމުގެ ކަންކަން ހަމަޖެހިފައިވާނެކަމަށް އެބޭންކުން ބުނެއެވެ.