Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ: ހުސެއިން

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު އިމްރާން ދޮގު ހެދިކަން ސާބިތުވާތީ، އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ކަމަށެވެ.

https://twitter.com/SembeHucen/status/1148536796638113792

ހުސެއިންގެ ޓްވީޓުގައި އެ އިޝާރާތް ކުރައްވަނީ ނޮވެމްބަރު ތިނެއް 1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން އެވަގުތަށް އެހާ މުހިއްމު ނޫން ކަމަށް ކުރީ ހޯމް މިނިސްޓަރު އުމަރު ނަސީރު އިރުޝާދު ދެއްވި ކަމަށް މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވިދާޅުވުމަށެވެ.

މިނިސްޓަރު އިމްރާންގެ އެ ވާހަކަތައް އުމަރުގެ އިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމަނިކުފާނަށް ފަހު މަގާމަށް ވަޑައިގެންނެވި ސީޕީ ހުސެން އަރީފް އަދި އޭގެ ފަހުން މަގާމް އަދާކުރެއްވި ސީޕީ ހުސެން ވަހީދު ވެސް ވަނީ ދޮގުކުރައްވާފައެވެ.

އެގޮތުން ކުރީގެ ސީޕީ ހުސެން އަރީފް ބައެއް މީޑިޔާތަކާ ވާހަކަ ދައްކަމުން ބުނެފައިވަނީ ލުތުފީ ގެނައުމަށް މަސައްކަތް ކުރެވުނު ކަމަށާއި އެ މަސައްކަތުގައި ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ހުންނަވައިގެން ހުރަހެއް އަޅާފައި ނުވާ ކަމަށެވެ. އަދި އުމަރު ހުންނެވީ އެ މަސައްކަތުގައި ލުތުފީ ގެނައުމަށް ކަމަށާއި އިމްރާން ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކައެއް ކަަމަށް ވިދާޅުވިއެވެ.

ކުރީގެ ސީޕީ ހުސެން ވަހީދު ވިދާޅުވީ ލުތުފީ ގެނައުން މުހިންމު ނޫން ކަމަށް އުމަރު ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި އުމަރު މަސައްކަތް ކުރެއްވީ ލުތުފީ ރާއްޖެ ގެނައުމަށް ކަމަށާއި އެނޫން އެއްވެސް މަގުސަދެއްގައި އުމަރު މަސައްކަތް ކުރައްވާފައިނުވާ ކަމަށް ހުސެން ވަހީދު ވިދާޅުވިއެވެ.

އަދި ކުރީގެ ސީޕީ އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައިވަނީ ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓަރުގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށާއި ފުލުހުންނަށް އެމީހަކު ހޯދުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ކަމަށެވެ.

ލުތުފީ ހޯދުން އެހާ މުހިންމު ނޫން ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އިއްޔެ މަޖިލީހުގައި ވިދާޅުވުމުން އުމަރު ވަނީ ލުތުފީ ހޯދުމަށް އޭނާ ކުރެއްވި މަސައްކަތެއް އެއްވެސް ބޭފުޅަކަށް ނުކުރެވޭ ކަމަށް ބުނެ ރައްދު ދީފައެވެ.