Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޖާބިރުގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން ނެރެފި

މަޖިލިސް ބަހުސްގައި ޖާބިރު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާއިން އޭނާ ބޭރުކޮށްފި އެވެ.

މިއަދު ހެނދުނު 9 ޖެހިއިރު ޖަލްސާ ފަށައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ އެޖެންޑާ ވިދާޅުވެ ނިމުމާއެކު ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މަޖިލީހުގެ ރައީސް ކަމުގެ ހުވާ ކުރެއްވިފަހުން ރައީސް ނަޝީދަށް ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވިތޯ ރިޔާސަތާ ސުވާލު ކުރައްވާފައެވެ.

ނަމަވެސް އެއީ ނިޒާމާ ބެހޭ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ނިންމެވުމުން ވެސް ޖާބިރު ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.

"އިއްޒަތްތެރި މެމްބަރު ނަން އިއްވަން ޖެހިދާނެ އިނގޭތޯ. އިށީންނަވާ" މަޖިލީހުގެ ރައީސް ޖާބިރަށް ވިދާޅުވިއެވެ.

ނަމަވެސް ތަކުރާރުކޮށް މަޖިލީހުގެ ރައީސް ނަސޭހަތް ދެއްވުމުން ވެސް ޖާބިރު އަޑުގަދަ ކުރައްވަމުން ގެންދެވުމުން އެންމެފަހުން މަޖިލީހުގެ ރައީސް ވަނީ ޖާބިރުގެ ނަން އިއްވާފައެވެ. އަދި މަޖިލީހުގެ ސެކިއުރިޓީންގެ އެހީއާއެކު ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެފައެވެ.

"ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މިހާ ހެނދުނާ ތިހާ ކޯފާ އިސްކުރައްވާ، ތި އުޅުއްވާ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑަށް ނުވިސްނޭ. މިހާރު އަޅުގަނޑު އެދެނީ އިއްޒަތްތެރި މެމްބަރު ތަޅުން ދޫކުރައްވާ ވަޑައިގަތުން" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއީ 19 ވަނަ މަޖިލީހުގައި މެމްބަރެއްގެ ނަން އިއްވައި ތަޅުމުން ނެރުނު ފުރަތަމަ ފަހަރެވެ.