Last Updated: October 20, 23:39
Monday, October 21, 2019
ޚަބަރު

މިނިސްޓަރު އަލީ ވަހީދު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަނީ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

މިނިސްޓަރު އަލީ ވަހީދު އެ ކޮމިޓީ އަށް ހާޒިރުކުރަނީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ. ނަމަވެސް އޭނާ ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

ކުރިން ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2014 ވަނަ އަހަރަށްފަހު ރަސްމީ ހައިސިއްޔަތުން މަޖިލީހަށް ދިޔުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު މިއަދު މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރިސޯޓު ހިންގަން ރަށްތައް ދޫކުރުމުގެ ތެރެއިން އެންމެ ރަށެއް އެއް ފަހަރާ ތިން ބަޔަކަށް ކުއްޔަށް ދީފައި އޮތްކަން ހާމަކުރައްވާފައެވެ.

އެގޮތުން އެއް ފަހަރާ ތިން ބަޔަކަށް ވިއްކާފައި ވަނީ އދ. ފުށިއްގާ-ރަތްދިއްގާ ނަމަކަށް ކިޔާ ރަށެއް ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެކަން ތަހުގީގު ކުރަމުން ދިޔައިރު ބައެއް ލިޔެކިޔުންތައް ވެސް ޓޫރިޒަމް މިނިސްޓްރީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.