Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ލުތުފީ ގެނައުމުން އުފާފާޅުކުރަން އުމަރު ޖަލްސާއެއް ބާއްވަނީ

އުމަރު ނަސީރު - ފޮޓޯ: ވީނިއުސް

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

އުމަރު މިއަދު ވިދާޅުވީ ލުތުފީ ފޮރުވައިގެން ގެންގުޅެނިކޮށް، އެކަން ފަޅާ އަރުވާލާ، އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާ އަންނަ ހުކުރު ދުވަހުގެރޭ 9 ގައި ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ލުތުފީ ރޭ ރާއްޖެ ގެނެސްފައިވަނީ އެމިރޭޓްސް ފްލައިޓް (އީކޭ365) އިން ފުލުހުންގެ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ. އަދި ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު އޭނާ ރޭ ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

ލުތުފީ ގެނައުމުން އުމަރު އުފާފާޅުކުރުމަށް ޖަލްސާ އެއް ބާއްވާއިރު ލުތުފީ ހޯދުމަށް އެންމެ ބޮޑަށް މަަސައްކަތް ކުރި ވަޒީރަކީ އޭނާ ކަމަށް މީގެކުރިން އުމަރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ލުތުފީ އަނބުރާ މާލެ ގެނައުމަކީ އެހާ ބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫން ކަމަށް އުމަރު މީގެކުރިން ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރުގެ ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. ނަމަވެސް ބޭސްފަރުވާ އަކަށް 2010 ގައި ރާއްޖެއިން ބޭރަށް ފޮނުވުމުން އޭނާ ވަނީ ފިލާފައެވެ.

ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. ލުތުފީ އަނބުރާ ރާއްޖެ ގެނައުން ލަސްވީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ލިބެންޖެހޭ ހުއްދަތައް ނުލިބުމާ ގުޅިގެންނެވެ.

ލުތުފީ އަނބުރާ މިރޭ ރާއްޖެ ގެނެސްފައިވާއިރު އޭނާގެ ހުކުމުގައި ބާކީ މިހާރު އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެކެވެ.