Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކުންފުނިތަކާ ބެހޭ ކޮމިޓީން ޖާބިރު އިސްތިއުފާ ދީފި

މަޖިލިސް ބަހުސްގައި ޖާބިރު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފިއެވެ.

ޖާބިރު އިސްތިއުފާ ދެއްވީ ކުންފުނިތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރުމަށް ފަހުގައެވެ. އެގޮތުން އިލްޔާސް ލަބީބަށް ޒިންމާ އަދާނުކުރެއްވޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އެ ކޮމިޓީން އިސްތިއުފާ ދެއްވާފައިވާއިރު ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވެސް އޭނާ ވަނީ މިއަދު ބޭރުކޮށްލާފައެވެ.

މިއަދު ހެނދުނު 9 ޖެހިއިރު ޖަލްސާ ފަށައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ އެޖެންޑާ ވިދާޅުވެ ނިމުމާއެކު ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މަޖިލީހުގެ ރައީސް ކަމުގެ ހުވާ ކުރެއްވިފަހުން ރައީސް ނަޝީދަށް ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ލިބިވަޑައިގެންނެވިތޯ ރިޔާސަތާ ސުވާލު ކުރައްވާފައެވެ.

ނަމަވެސް އެއީ ނިޒާމާ ބެހޭ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ނިންމެވުމުން ވެސް ޖާބިރު ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. އަދި ތަކުރާރުކޮށް ނަސޭހަތް ދެއްވުމުން ވެސް ޖާބިރު އަޑުގަދަ ކުރައްވަމުން ގެންދެވުމުން އެންމެފަހުން މަޖިލީހުގެ ރައީސް ވަނީ ޖާބިރުގެ ނަން އިއްވާފައެވެ. އަދި މަޖިލީހުގެ ސެކިއުރިޓީންގެ އެހީއާއެކު ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެފައެވެ.

މިއީ 19 ވަނަ މަޖިލީހުގައި މެމްބަރެއްގެ ނަން އިއްވައި ތަޅުމުން ނެރުނު ފުރަތަމަ ފަހަރެވެ.