Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އިމްރާން ވާހަކަ ދެއްކީ ރިކޯޑުތަކުގެ މައްޗަށް ބިނާކޮށް: ފުލުހުން

މިއަދުގެ މަޖިލީހުގައި މިނިސްޓަރު އިމްރާން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިދިޔަ ހޯމަ ދުވަހު ހ. ހާޖަރާގެ އަބްދުﷲ ލުތުފީއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަކީ ލުތުފީ ހޯދުމަށް އޭރު ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ފުލުހުންގެ އިދާރާގައި ފެންނަންހުރި ރިކޯޑުތަކުގެ މައްޗަށް ބިނާކޮށް އެ އިދާރާއިން އަރުވާފައިވާ މައުލޫމާތާއި އެއްގޮތަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ލުތުފީ ހޯދުމަށް ފުލުހުން މަސައްކަތްކޮށް، އެކަމުގެ އެންމެ ފަހު މަރުހަލާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ލުތުފީ ގެނައުމަކީ އެހާ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން މިދިޔަ ހޯމަ ދުވަހު މަޖިލިސް ޖަލްސާގައި ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ގިނަބަޔަކު އިމްރާން އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތު ކުރެއްވިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު އޭނާ ހައްޔަރުކޮށްގެން މާލެ ގެނެވިފައި ނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ފުލުހުންގެ އިދާރާގައި އެމަސައްކަތްތަކާ ގުޅޭގޮތުން ފެންނަންހުރި ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ޕޮލިސް ސަރވިސްއިން އަރުވާފައިވާ މަޢުލޫމާތާ އެއްގޮތަށް މިނިސްޓަރ އިމްރާން ޢަބްދުﷲ ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށެވެ.

ފުލުހުން ބުނީ ހުކުމް ތަންފީޛުކުރަމުން ދަނިކޮށް ޢަބްދުﷲ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލުމާއި ގުޅިގެން، ފާއިތުވެދިޔަ މުއްދަތުގައި ފުލުހުންގެ އިސް މަޤާމުތަކާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމު އަދާކުރެއްވި ފަރާތްތަކުން ޢަބްދުﷲ ލުތުފީ ހޯދައި ހައްޔަރުކޮށްގެން އަނބުރާ ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑްތަކާއި އެމަސައްކަތާ ގުޅޭގޮތުން ނިންމުނު ނިންމުންތައް އެމަސައްކަތް ހިންގަމުން ދިޔަ ޑިޕާޓްމެންޓްގައި ލޮގްކޮށް ރައްކާކުރެވިފައިވާ ކަމަށާއި އަދި އެމަސައްކަތުގައި ނިންމި ބައެއް ނިންމުންތައް ނިންމި އިރު ހާޒިރުވެ ތިބި އޮފިސަރުން މިވަގުތުވެސް އެ ސަރވިސްގައި ޚިދުމަތްކުރަމުންދާ ކަމަށެވެ. އެހެންކަމުން އެމަސައްކަތާ ގުޅޭ ގޮތުން އިތުބާރު ހިފޭފަދަ މަޢުލޫމާތު މިވަގުތުވެސް ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން މިފަދައިން ބުނެފައި މިވަނީ ކުރީގެ ތިން ކޮމިޝަނަރ އޮފް ޕޮލިސްވެސް ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައި ވަނިކޮށެވެ. އެއީ ކުރީގެ ސީޕީ އަހްމަދު އަރީފާއި ކުރީގެ ސީޕީ ހުސައިން ވަހީދު އަދި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒެވެ.