Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޔާމީން ކޯޓަށް ހާޒިރު ކުރަނީ އިދާރީ ބޭނުމަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވާން އެންގީ އިދާރީ ބޭނުމަކަށް ކަމަށް އެ ކޯޓުން ބުނެފިއެވެ.

މިއަދު 11:30 އަށް ކޯޓަށް ހާޒިރުވާން ޔާމީނަށް އަންގާފައިވާއިރު، އެ އަޑުއެހުމަށް ނަން ނޯޓު ކުރަން ނޫސްވެރިން ދިޔުމުން ކޯޓުން ވަނީ މިއަދު އޮތީ ޝަރީއަތުގެ އަޑުއެހުމެއް ނޫން ކަމާއި ޔާމީން ހާޒިރުކުރަނީ އިދާރާ ބޭނުމަކަށް ކަމަށް ބުނެފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑރިންގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެ ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފައެވެ.