Last Updated: April 23, 16:44
Tuesday, April 23, 2024
ޚަބަރު

އުމަރު ބާއްވަން އުޅޭ ޖަލްސާ ފަސްކޮށްފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން އުޅޭ ޖަލްސާ ފަސްކޮށްފިއެވެ.

މި ޖަލްސާ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރިއިރު އުމަރު މިއަދު ވިދާޅުވީ އެ ސަރަހައްދުގައި "މަގުމަތީ ބާޒާރެއް" މި ހަފްތާގައި ހިނގަމުންދާތީ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެއްސި "ލުތުފީ ޖަލަށް – މަގޭ މިނިވަން ގައުމު" ގެ ރެލީ އަންނަ ބުރާސްފަތި ދުވަހުގެ ރެއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ ތާރީހަށް އެ ސަރަހައްދު ދޫކޮށްދިނުމަށް މިހާރު ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ލުތުފީ ގެނައުމުން އުމަރު އުފާފާޅުކުރުމަށް ޖަލްސާ އެއް ބާއްވާއިރު ލުތުފީ ހޯދުމަށް އެންމެ ބޮޑަށް މަަސައްކަތް ކުރި ވަޒީރަކީ އޭނާ ކަމަށް މީގެކުރިން އުމަރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ލުތުފީ އަނބުރާ މާލެ ގެނައުމަކީ އެހާ ބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫން ކަމަށް އުމަރު މީގެކުރިން ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރުގެ ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ލުތުފީ އަނބުރާ ރާއްޖެ ގެނެސްފައިވާއިރު އޭނާގެ ހުކުމުގައި ބާކީ މިހާރު އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެކެވެ.