Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަޅަން ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަޅަން ހެލްތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު މުހައްމަދު ޒުހެއިރުއެވެ. އަދި މި މަސައްކަތް ހަވާލުކުރި ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަތުހުﷲ އާދަމްއެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1،317،465.79 ރުފިޔާ އަށެވެ. މި މަސައްކަތް 75 ދުވަހުގެތެރޭ ނިންމަންޖެހޭނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފައިވާއިރު، އެ ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.