Last Updated: April 25, 17:34
Thursday, April 25, 2024
ޚަބަރު

މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

ށ.މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މިލަންދޫ ސިއްހީ މަރުކަަޒަކީ 24 ގަޑިއިރުގެ ހިދުމަތްދޭ ދަރަޖަ ތިނެއްގެ ސިއްހީ މަރުކަޒެކެވެ. އެތަނުން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތާއި ގައިނީގެ ހިދުމަތް ހިމެނެއެވެ. އެ ސިއްހީ މަރުކަޒުގައި ތިން ކޮންސަލްޓޭޝަން ރޫމާއި ލޭބާ ރޫމެއްގެ އިތުރުން ޖުމްލަ 8 އެނދު ހުރެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުން އެތަނުން އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތާއި، ކުޑަކުދިންގެ ޑޮކްޓަރުންގެ ހިދުމަތާއި، ހޭނައްތާ ޑޮކްޓަރުންގެ ހިދުމަތާއި، އޮޕަރޭޝަން ޑޮކްޓަރުންގެ ހިދުމަތް އަދި އެތެރެހަށީގެ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ދަތުގެ ހާއްސަ ފަރުވާ، ޑައިލަސިސްގެ ހިދުމަތް (4 އެނދުގެ) އަދި ފިޒިއޮތެރަޕީގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ހޮސްޕިޓަލަކަށް ބަދަލުކުރުމުން އެމެޖެންސީ ރޫމް، މައިނަރ އޯޓީ، އައިސީޔޫ، އެންއައިސީޔޫ، އެކްސްރޭގެ ހިދުމަތް، ލޭބާރ ރޫމް، އަދި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް ވެސް ފެށިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި އެތަނުގެ އެނދުގެ އަދަދު 35 އަކަށް އިތުރުވެގެންދާއިރު، ހަ ކޮޓަރީގެ ޕްރައިވެޓް ރޫމު ވެސް ހުންނާނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ހިދުމަތްތަކުގެ އިތުރުން ޕަބްލިކް ހެލްތުގެ މަސައްކަތް ހަރުދަނާ ކުރުމަށް ވެކްސިން ސްޓޯރ ކުރާ ކޮޓަރިއަކާއި، އަދި ކޮންފަރެންސް ހޯލެއް ގާއިމުވެގެންދާނެ ކަމަށެވެ.