Last Updated: April 25, 09:40
Thursday, April 25, 2024
ވިޔަފާރި

ޖޫން މަހުގެ އިމްޕޯޓާއި އެކްސްޕޯޓް ދަށަށް

މިދިޔަ ޖޫން މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު މިދިޔަ ޖޫން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ޖޫން މަހު އެ އަދަދު 3.3 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.

އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޗައިނާ އިންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 19 ޕަސެންޓަކީ ޔޫއޭއީ އަދި ޗައިނާ އިން އެތެރެކުރި މުދަލެވެ. ތިންވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކުރީ ސިންގަޕޫރުންނެވެ. އެގޮތުން އިމްޕޯޓުގެ 13 ޕަސެންޓް ހިއްސާ ކުރަނީ ސިންގަޕޫރުންނެވެ. ރާއްޖެ އަށް އިމްޕޯޓުކުރި މުދަލުގެ ނުވަ ޕަސެންޓު އިންޑިޔާ އިން ހިއްސާކުރާއިރު ހަ ޕަސެންޓު ހިއްސާކުރަނީ ސްރީލަންކާ އިންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރުވެސް ދަށްވެފައިވާ އިރު މިދިޔަ އަހަރުގެ ޖޫން މަހު 113 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވެ އެވެ. މި އަހަރު އެ އަދަދު އުޅެނީ 104 މިލިއަން ރުފިޔާގަ އެވެ.

މިދިޔަ ޖޫން މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 42 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

ޖޫން މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ދަށްވި ނަމަވެސް ކަސްޓަމްސް އަށް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު 13 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 235 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 266 މިލިއަން ރުފިޔާގަ އެވެ.