Last Updated: April 24, 06:00
Wednesday, April 24, 2024
ޚަބަރު

ދެވަނަ ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް ލިބުނު ޖާގަތައް ބަހައިފި

މިއަހަރު ރާއްޖެއިން ހައްޖަށް ގެންދިއުމަށްޓަކައި ސައުދީ އަރަބިއްޔާއިން އިތުރަށް ދިން 1000 ކޯޓާގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ލިބުނު 500 ޖާގަ ބަހައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖާގަތައް ބަހާފައިވަނީ އެ ކޯޕަރޭޝަނުން ޚިދުމަތް ހޯދުމާ ބެހޭ އުޞޫލުގައި ޝާޢިއު ކޮށްފައިވާ ގޮތަށް ތަރުތީބުން ކަމަށެވެ.

ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓު ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް http://mhcl.mv ގައި ޝާޢިއު ކުރެވިފައިވާނެ ކަމަށާއި ޖާގަ ލިބޭ ފަރާތްތަކަށް ޙައްޖު ދައުވަތުގެ ލިޔުމެއް ވެސް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން މި ދައުވަތު ގަބޫލުކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމުގައި ޖާގަ ބަލައިގަންނަކަމަށް ފާހަގަ ޖައްސަވާ ފޯމު ހުށަހެޅުއްވުމުން ޖާގަ ގަބޫލުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އަދި މިއަހަރުގެ ޖާގަ ގަބޫލު ނުކުރައްވާނަމަ، އުސޫލުގައިވާ ގޮތަށް ޖެހިގެން އަންނަ އަހަރުގެ ކޯޓާއިން ޖާގަ ދެވޭނެ ކަމަށްވެސް ބުންޏެވެ.

މީގެއިތުރުން ޖާގަ ލިބޭ ފަރާތްތަކަށް ޖާގަ ލިބުނުކަން އެންގުމަށްޓަކައި، އެ ކޯޕަރޭޝަން އަށް ދީފައިވާ ފޯނު ނަމްބަރުތަކަށް، އެސް. އެމް. އެސް މެދުވެރިކޮށް އެންގޭނެ ކަމަށާއި އެސް. އެމް. އެސް ފޮނުވޭތާ 2 ދުވަސް ތެރޭ ދައުވަތު ބަލާ ވަޑައިނުގަންނަވާނަމަ، ދީފައިވާ ފޯނު ނަމްބަރަށް ގުޅުމަށް ފަހު ޖާގައާމެދު ޢަމަލު ކުރަން ބޭނުންވާގޮތެއް އޮޅުން ފިލުވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ފޯނުން ނުގުޅޭ ބޭފުޅުންނަށް އިތުރަށް 1 ދުވަސް ދިނުމަށްފަހު، އެފަރާތުގެ ޖާގަ ބާޠިލުކޮށް އުސޫލުގައި ވާގޮތަށް އެޖާގަ ޖެހިގެން އޮންނަފަރާތައް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.