Last Updated: April 25, 17:34
Thursday, April 25, 2024
ޚަބަރު

ޝައިހް ޝަފީއު ޖާބިރަށް: ކެސީނޯ އެޅުމުގެ ހިޔާލު ދޫކޮށްލާ!

ކެސީނޯ އެޅުމުގެ ހިޔާލު ދޫކޮށްލެއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ޝައިހް ޝަފީއު އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

ޝައިހް ޝަފީއު މިހެން ވިދާޅުވިއިރު އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ރާއްޖޭގައި ކެސީނޯ އެޅުމަށް ހުއްދަ ނުދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން ޖާބިރު ވަނީ ކޯފާ އިސްކުރައްވާފައެވެ.

އެކަމާ ގުޅިގެން ޝައިހް ޝަފީއު ޖާބިރަށް އަމާޒު ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވަނީ ކެސީނޯ އެޅުމުގެ ހިޔާލު ދޫކޮށްލުމަށާއި ތަނެއްގައި މުންކަރާތް ހިނގަމުން ދިއުމަކީ އެހެން މުންކަރާތްތައް ހިނގުމަށް ހުއްދަ ކުރާކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އެއާ ޚިލާފަށް، ހުރިހާ މުންކަރާތެއްވެސް މަދުކޮށް، އެއްކޮށް ނައްތައިލުމަކީ ވާޖިބެކެވެ. މާތް ﷲ އަށް ބިރުވެތި ވާށެވެ" ޝައިހް ޝަފީއު ވިދާޅުވިއެވެ.

ކެސީނޯ އެޅުމާ ގުޅޭގޮތުން ޖާބިރު ކުރެއްވި ސުވާލަށް އިއްޔެ ޖަވާބުދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި އެބޭފުޅުންގެ ލީޑަޝިޕްގައި ރާއްޖޭގައި ކެސީނޯ އަޅަން ހުއްދަ ދޭން ވިސްނާފައި ނެތް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްގެންދާނީ އިސްލާމްދީނުގެ ހުރިހާ ރުކުންތަކަކާއި ސިފަތަކެއް ހިމާޔަތްވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިވަގުތު ތި ސުވާލަށް ދޭނެ ޖަވާބަކީ ނޫނެކޭ" އަލީ ވިދާޅުވިއެވެ.

ޖާބިރު މިފަދަ ސުވާލެއް ކުރެއްވިއިރު ރާއްޖޭގައި ކެސިނޯ އެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ވެސް އޭނާ ވަނީ ނިންމާފައެވެ.

މީގެކުރިން "އައްޑޫލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ރާއްޖޭގައި ކެސިނޯ އެޅުމުން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ޑޮލަރު މަހެއްގެ މައްޗަށް ލިބިގެންދާނެ ކަމަށެވެ. އޭގެތެރެއިން ދެ ބިލިއަން ޑޮލަރަކީ ސީދާ ދަޢުލަތަށް ވަންނާނެ ފައިސާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިފަދަ ކަމެއް ކުރަން ހުއްދަ ދިން ނަމަވެސް ދިވެހިންނަށް އެތަން ތަނަށް ވަނުމުގެ ހުއްދަ ލިބިގެން ނުދާނެ ކަމަށެވެ.