Last Updated: April 20, 18:06
Saturday, April 20, 2024
ޚަބަރު

ނައިބު ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 13 އިން 14 އަށް ނައިބު ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ސިޓީ ހުޅުދޫ އަށެވެ.

އެގޮތުން ހުޅުދޫ އަށް ވަޑައިގެން އެ ރަށުގެ މަގު ހަދާ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވައިލެއްވުމަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ފޭދޫ އަށެވެ. ފޭދޫ އަށްފަހު ހިތަދޫ އައްޑޫ ހައި ސްކޫލަށް ނައިބު ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެއަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށެވެ.

އެއަށްފަހު ހިތަދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި، އައްޑޫ ކޮންވެންޝަން ސެންޓަރުގައި ހަދަމުން އަންނަ އާ ހޮސްޕިޓަލު ވެސް މި ދަތުރުފުޅުގައި ނައިބު ރައީސް ބައްލަވާލައްވާނެއެވެ.

އައްޑޫ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގަންނަވާނީ 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ނައިބު ރައީސް އައްޑޫ އަށް ވަޑައިގަންނަވާއިރު، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވެސް އެމަނިކުފާނު އައްޑޫ އަށް ވަޑައިގެންނެވިއެވެ.