Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ބޮޑެތި މަޝްރޫއުތައް ނުހިންގޭނަމަ ގައުމުގެ ހާލަތު ދާނީ ދަށަށް: ސައީދު

މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ނުހިންގޭނަމަ ގައުމުގެ ހާލަތު ދާނީ ދަށަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ލ.މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ކަސްޓަމްސް އިން ނެރުނު ތަފާސް ހިސާބުތަކުން ޖޫން މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ވެސް ދަށަށް ގޮސްފައިވާ ކަމަށް ދައްކާފައިވާތީއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި މިވަގުތު އުފެދިފައިވާ ވިޔަފާރީގެ ނިޒާމަކީ ވަރަށް ހަނި އަދި ޖުމްލަ ގޮތެއްގައި ކުޑަ ވިޔަފާރިތަކެއްގެ ވެއްޓެއް ކަމަށެވެ. އަދި މިފަދަ އިގްތިސާދެއްގައި ފުޅާވާނެ ފުރުސަތު ފުރުސަތު އުފަން ކުރުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި ހަމައެކަނި ފަތުރުވެރިކަމަށް މުޅި ގައުމު ބަރޯސާވުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ.

"2013-2018 އަށް އިކޮނޮމިކް ޓްރާންސްފޯމޭޝަން އިނީޝިއޭޓިވް ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވީ މި ބިރުވެރިކަން ނިމުމަކަށް ގެނެސް ރާއްޖެ ތަރައްގީ ކުރަން" ސައީދު ވިދާޅުވިއެވެ.

ކަސްޓަމްސް އިން އިއްޔެ ނެރުނު މިދިޔަ ޖޫން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ޖޫން މަހު އެ އަދަދު 3.3 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރުވެސް ދަށްވެފައިވާ އިރު މިދިޔަ އަހަރުގެ ޖޫން މަހު 113 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވެ އެވެ. މި އަހަރު އެ އަދަދު އުޅެނީ 104 މިލިއަން ރުފިޔާގަ އެވެ.

ޖޫން މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ދަށްވި ނަމަވެސް ކަސްޓަމްސް އަށް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު 13 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 235 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 266 މިލިއަން ރުފިޔާގަ އެވެ.