Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ބާ ކައުންސިލަށް ކުރިމަތިލި މީހެއްގެ ކެންޑިޑެންސީ ބާތިލުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

މި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލި މީހެއްގެ ކެންޑިޑެންސީ ބާތިލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި، އެކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކުރިމަތިލުމަށް، ނަން ހުށަހެޅުއްވި ޢަލީ ނަޞީރު ޤާސިމް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ކޮމިޝަނުން ޤަބޫލުކޮށްފައިވީނަމަވެސް، އެ ކޮމިޝަނުން އިތުރަށް ބެލި ބެލުމުން، އޭނާ އަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި މެންބަރު ކަމަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހެއް ނޫންކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ޢަލީ ނަޞީރު ޤާސިމަކީ މި އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ޝަރުޠު ހަމަވާ މީހެއް ނޫން ކަމުގައި މިކޮމިޝަނުން ކަނޑައަޅައި، މި އިންތިޚާބަށް ކުރިމަތިލުމަށް އެފަރާތުން ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުން ޤަބޫލު ކޮށްފައިވާކަމަށް މިކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލު ކޮށްފައިވާކަން ޢާންމުކޮށް އަންގަން" އީސީން ބުންޏެވެ.

އަލީ ނަސީރު ގާސިމްގެ ކެންޑިޑެންސީ ބާތިލް ކުރުމުން ބާ ކައުންސިލްގެ އިންތިޚާބުގައި މިހާރު ވާދަ ކުރައްވާނީ 22 ވަކީލެކެވެ.

ގާނޫނީ ފަންނުގެ ބިލް އެކުލަވާލާފައިވާ ގޮތުން ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެމްބަރުންނެއް ތިބޭނެއެވެ. އެ ހަ މެމްބަރުންނަކީ ވަކީލުންގެ މެދުގައި ނެގޭ ވޯޓަކުން އިންތިޚާބު ކުރެވޭ ހަ މެމްބަރުންނެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވަނީ ރައީސާއި ނައިބު ރައީސްގެ އިތުރުން ބަންޑާރަ ނައިބާއި ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.