Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނާޖާއިޒު ގޮތުގައި ފައިސާ ހޯދާފައި ނުވާނެ: އާޒިމާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު: ފޮޓޯ - ވީނިއުސް

ނާޖާއިޒު ގޮތުގައި ފައިސާ ހޯދާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން އިއްޔެ އޭނާއާ ހަވާލުކޮށްފައިވާއިރު ދެން އޮންނާނީ އެ މައްސަލަތަކުގެ ޝަރީއަތް ފެށުމެވެ.

މި ދެ ދައުވާ ވެސް އާޒިމާގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

އާޒިމާ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމުރުން 16 އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރައްވާފައިވަނީ ސަރުކާރުގައި ކަމަށާއި ކިޔެވުން ކުރިއަށް ދިޔަ ދުވަސްތައް ފިޔަފައި އެހެން ހުރިހާ ދުވަސްތަކަކީ ހިދުމަތް ކުރެއްވުމުގައި ދިޔަ ދުވަސްތައް ކަމަށެވެ.

ތިން ސަރުކާރެއްގެ ކެބިނެޓްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިކަން ހާމަކުރައްވަމުން އާޒިމާ ވިދާޅުވީ މަގާމުތަކުގެ ޒިންމާ އަދާކުރެއްވީ ޒިންމާދާރު ކަމާއެކު ކަމަށެވެ.

"ބައެއް މަގާމުތަކުގައި ހުރި އިރު މުއްސަނދިވާން ބޭނުންވި ނަމަ އެ ފުރުސަތު ލިބިވަޑައިގެންނެވި. ނަމަވެސް މައިންބަފައިން ދަސްކޮށްދެއްވީ އަމިއްލަ ފައިސާއެއްގައި މެނުވީ އަތްނުލަން. އަދި އަމިއްލަ ނަފްސަށް ތެދުވެރިވުމަށް. އެހެންވީމާ ފަހުރުވެރިކަމާއެކު ދެންނެވޭނެ ހިޔާނާތުގެ ފައިސާއެއް އަދި އެފަދަ ހަދިޔާއެއް ނަގާފައިނުވާނެ ކަމަށް" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ބަޔަކު ރާވައިގެން އޭނާގެ އަޑު އަބަދަށް ކަޑުވާލަން ކުރާ މަސައްކަތެއް ކަމަށާއި އެ މައްސަލައިގެ ތަފްސީލު ކޯޓުގައި ދެއްވާނެ ކަމަށެވެ. އަދި އެކަނިވެރި މަޔަކަށް ވީތީ ދައުވާގެ ނުރައްކާ އޭނާއަށް ވަރަށް ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.