Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަސް އަދި ސިނގިރޭޓު ނައްތާލައިފި

ކަސްޓަމްސްެގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަހާއި ސިނގިރޭޓު ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ މިދިޔަ ބުދަ ދުވަހު ކ.ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

އެގޮތުން ކަސްޓަމްސް އިން ނައްތާލާފައިވަނީ 30 ކިލޯގެ އޫރުމަހާއި، 465 ލީޓަރުގެ ބަނގުރަލާއި، 8000 ސިނގިރޭޓެވެ.

މީގެ އިތުރުން މި މަހުގެ ހަތަރުވަނަ ދުވަހު ވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ސިނގިރޭޓު ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ނައްތާލާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލި ތަކެތި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.