އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި އެންޓޮއިން ގްރިޒްމަން ބާސެލޯނާ އަށް ބަދަލުވެއްޖެއެވެ.
އުމުރުން 28 އަހަރުގެ ގްރިޒްމަން ބާސާ އަށް ބަދަލުވީ 107 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާސާ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ގްރިޒްމަން ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
ގްރިޒްމަން ބާސާ އަށް ބަދަލުވިއިރު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ވެސް އޭނާ ގެންނަން ބާސާ އިން މަސައްކަތް ކުރިއެވެ. ނަމަވެސް ގްރިޒްމަން ވަނީ ފަހުވަގުތު ބާސާގެ ހުށަހެޅުމަށް ނޫނެކޭ ބުނެ އެތްލެޓިކޯގައި މަޑުކޮށް އެ ކްލަބުގެ ކޮންޓްރެކްޓު ވެސް އާކޮށްފައެވެ.
ފްރާންސްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ގްރިޒްމަން އެތްލެޓިކޯއާ ގުޅުނީ 2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުންނެވެ. ގްރިޒްމަން ވަނީ އެތްލެޓިކޯ އަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީ 133 ގޯލު ކާމިޔާބުކޮށްދީފައެވެ.
ގްރިޒްމަން ވަނީ އެތްލެޓިކޯގައި ހޭދަކުރި މުއްދަތުގައި އެ ކްލަބާއެކު ޔޫރޮޕާ ލީގެއްގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕެއް ކާމިޔާބުކޮށްފައެވެ.
ގްރިޒްމަން ބާސާ އަށް ބަދަލުވިއިރު އެތްލެޓިކޯ އިން ދާދިފަހުން ވަނީ އޭނާ ނެތްތަން ފޫބައްދަން ބެންފީކާ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ފޯވާޑް ޖައޯ ފެލިކްސް 126 މިލިއަން ޔޫރޯ އަށް ގެނެސްފައެވެ.