Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އަދީބު މިނިވަން ވެއްޖެ

އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވެއްޖެ އެވެ.

އަދީބު މިނިވަންވެފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

އެ ހުކުމުގެ މުއްދަތު ހަމަވިއިރު އަދީބު މިހާރު ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނޫންކަމަށް އެ އިދާރާއިން ބައެއް މީޑީޔާތަކަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދީބަށް ޖުމުލަ 33 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވިއިރު މިސަރުކާރު އައިފަހުން ކުރެވުނު ޝަރީއަތްތަކުގައި އެ ހުކުމްތައް ބާތިލުކޮށް ބައެއް ޝަރީއަތް އަލުން ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އަދީބުގެ އެއްވެސް މައްސަލައެއް މިހާރު ކޯޓުގައި ނެތްއިރު، އަދީބުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އަމުރުކޮށްފައެވެ.

އެގޮތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރި މައްސަލައެވެ.