Last Updated: April 23, 14:49
Tuesday, April 23, 2024
ކުޅިވަރު

އައިއޯއައިޖީ ބާއްވާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެނަމަ އެ މުބާރާތް ބާއްވާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، އުންމީދުކުރާ އެހެން ކަމެއްވެސް އެބައޮތް ކަމަށާއި އެއީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުން ކަމަށެވެ. އެގޮތުން އެކަމަށް ރާއްޖެ އިން ކުރިމަތިލައިގެން، ވަރަށްގިނަ ޤައުމުތަކުގެ ރުހުމާއި ތާއީދު މިހާރުވެސް ކަށަވަރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ބޮޑު މުބާރާތެއްގެ ވާހަކަ ދައްކާއިރު، ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރެދާނެ ކަމަށާއި އެގޮތުން އެކަމަށް ބޭނުންވާ ކުޅިވަރު ސްޓޭޑިއަމްތަކާއި، ދަނޑުތަކާއި، ކުޅިވަރު ކޯޓުތައް ހަދާނީ ކިހިނެއްތޯ ސުވާލު އުފެއްދުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކުރާކަށް ޤަޞްދެއްނުކުރަން. އަޅުގަނޑުގެ ވިސްނުންހުރީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވުން. އަޅުގަނޑުމެންގެ ވަޢުދުތައް ފުދިގެންދާއިރު، ޤައުމަށް އެ އަންނަ ކުރިއެރުމަކީ، މި މުބާރާތަށް މަގު ކޮށައިދޭނެ ކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މުބާރާތް ބޭއްވުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ނުކުރި ކަމުގައިވިޔަސް، އެ މުބާރާތްތަކަށް ކުޅުންތެރިން ތައްޔާރުކުރުމަށް، ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށެވެ.

"ސަރުކާރުން މިހާރު ޤަޞްދުކޮށްފައި އޮތީ، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް، ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ދުރާލައި ފަށަން. މި އަހަރުގެ މުބާރާތް ނިމުމާއެކު، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އެއީ ހަތަރު އަހަރުގެ މުއްދަތަށް ހިންގާ ޕްރޮގްރާމަކަށްވާނެ" ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ގޭމްސްއަށް ރާއްޖެ ދަނީ، ވަރަށް ޒުވާން، ވަރަށް އުންމީދީ ކުޅުންތެރިންތަކަކާ އެކީގައިކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި އަހަރު މުޅިން އަލަށް، ދެ ކުޅިވަރެއްގައި ރާއްޖެއިން ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އެއީ ކައިޓް ސަރފިންގ އާއި އަދި ޕެރަ-އިވެންޓްއެވެ.

އަދި ޢުމުރުން އެންމެ 12 އަހަރުގެ ކުޅުންތެރިންވެސް މިފަހަރުގެ މުބާރާތުގައި ބައިވެރިވާކަމީ، ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް ލިބޭ ވަރަށްބޮޑު ހިތްވަރެއްކަން ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.