Last Updated: March 29, 02:52
Thursday, March 28, 2024
ވިޔަފާރި

ބީއެމްއެލް އަށް އާ ސީއީއޯ އެއް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަޤާމަށް މރ. ޓިމޮތީ ސޯޔަރ ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ ޓިމް އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަޤްވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި މީގެ ތެރޭގައި އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

ޓިމް ބޭންކް އޮފް މޯލްޑިވްސް އާއި ގުޅިވަޑައިގަންނަވަނީ ޔޫކޭ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭ ގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ ގެ މަގާމުގައި ހުންނެވުމަށްފަހުއެވެ.

އިނޮވޭޓް ޔޫކޭގެ ކުރިން ޓިމް މަސައްކަތް ކުރެއްވީ ސްޓާރޓް އަޕް ލޯންސްގެ ސީއީއޯގެ ގޮތުގައެވެ. ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް ޓިމް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ވަނީ ކުއީން އެލިޒަަބަތު ދެއްވާ ކޮމާންޑަރ އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދި ބްރިޓިޝް އެންޕަޔަރ (ސީބީއީ) އެވޯޑް ލިބިލައްވާފައެވެ.

ޓިމް ވަނީ ކަހޫޓް، ކެންޓް ރިލަޔަންސް ފަދަ ކުރިއަރާފައިވާ އެކިއެކި މާލީ އިދާރާތަކުގެ އެންމެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި މީގެ އިތުރުން ޓިމް ވަނީ ބޭންކް ޑުބޮއަރ އޮފް ސުވިޒަލޭންޑް އަދި ޔޫކޭގައި ލޯނު ދޫކުރާ ކުންފުންޏެއްކަމަށްވާ ފޯކްޓުފޯކް ގެ ޗެއަރމަންކަން ވެސް ކުރައްވާފައެވެ.