Last Updated: April 24, 16:37
Wednesday, April 24, 2024
ޚަބަރު

ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރަކު ވަޒީފާ އިން ވަކިކޮށްފި

ފެނަކައިގެ އައްޑޫ ސިޓީ ހިތަދޫ އޮފީހުގެ ޑިރެކްޓަރަކު ވަޒީފާ އިން ވަކިކޮށްފިއެވެ.

އެގޮތުން ވަޒީފާ އިން ވަކިކޮށްފައިވަނީ މުހައްމަދު ނަސީރެވެ. އޭނާ އެ ވަޒީފާ އިން ވަކިކޮށް ލިޔުން ހަވާލުކުރީ މިއަދުއެވެ.

ފެނަކަ އިން ނަސީރު އަށް ފޮނުވާފައިވާ ލިޔުމުގައި ވަޒީފާ އިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ފެނަކަ މުވައްޒަފުންގެ ގަވާއިދު 2015 ގެ 34.7 މާއްދާގެ (ހ) 1 ވަނަ ނަމްބަރު އަދި 15 ވަނަ ނަމްބަރުގެ ދަށުން މުވައްޒަފުގެ މަގާމުގެ އިހުތިޔާރު، ނާޖާއިޒު ގޮތެއްގައި ތިމާއަށް ނުވަތަ އެހެން ފަރާތެއްގެ ފައިދާ އަށް ނުވަތަ މަސްލަހަތަށް ބޭނުން ކުރުން ނުވަތަ ކުރަން އުޅުނުކަން ކުންފުނީގެ އިދާރީ ތަހުގީގަށް ސާބިތުވެފައިވާތީ ކަމަށެވެ.

"ވީމާ އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން 15 ޖުލައި 2019 އިން ފެށިގެން މުހައްމަދު ނަސީރު މި ކުންފުނީގެ ވަޒީފާ އިން ވަކިކޮށްފީމެވެ" އެ ލިޔުމުގައި ބުނެފައިވެއެވެ.

ފެނަކަގެ ވަޒީފާއިން ނަސީރު ވަކިކުރިއިރު އޭނާ އަށް އެ ވަޒީފާ ދީފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.