Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ގަވަރުނަރާއި އަޝްރަފު އަނެއްކާ ވެސް ކޮމެޓީއަށް

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ -- ފޮޓޯ / މަޖިލިސް

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރަށް ބޮޑެތި ތުހުމަތުތަކެއްކޮށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވެވި ސިޓީއަށް ރައްދު ދެއްވާ ގަވަރުނަރު ފޮނުއްވި ސިޓީއާ ގުޅިގެން އެ ދެ ބޭފުޅުންވެސް މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އަޝްރަފު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު ނިމެންދެން ހައި ޕްރޮފައިލް ކޭސްތައް ރިޕޯޓް ނުކޮށް މަޑުކުރަން ގަވަރުނަރު އަހްމަދު ނަސީރު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް އެންގި ކަމަށެވެ.

ސިޓީގައިވާ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރާ އެތައް މައްސަލައެއް އެފްއައިޔޫއިން ވަނީ ތަހުގީގުކޮށްފައެވެ. އަދި އެ މައްސަލަތައް އެފްއައިޔޫއިން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަމަ ފުލުހުންނަށް ހުށަހެޅުމުން ގަވަރުނަރު ނަސީރު އެކަމާ ކޯފާ އިސްކުރެއްވިކަންވެސް މި ސިޓީން ހާމަވެގެންދެއެވެ. މި ސިޓީން ހާމަވާ ގޮތުން އެ މައްސަލަ އެފްއައިޔޫއިން ފުލުހުންނަށް ހުށަހެޅުމުން އަޝްރަފް ވަނީ މަގާމުން ވަކި ކުރައްވާފައެވެ.

އަޝްރަފްގެ ސިޓީގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އަދި އެ ވާހަކަތަކަށް ރައްދު ދެއްވާ ގަވަރުނަރު ފޮނުވި ސިޓީއާ މެދު މާލިއްޔަތު ކޮމެޓީންވެސް ވަނީ މަޝްވަރާ ކޮށްފައެވެ. މި ސިޓީގައި އެތައް ތުހުމަތުތަކެއް ހުރުމުން ކޮމެޓީގެ މެންބަރުން ބޭނުންފުޅުވަނީ އެ ތުހުމަތުތަކާއި ގުޅޭގޮތުން ކޮމެޓީގައި މަޝްވަރާ ކުރުމަށެވެ. ބައެއް މެންބަރުން މި މައްސަލާއިގެ ހައްސާސް ކަމާއި މެދު ވެސް ވަނީ ކޮމެޓީގައި މަޝްވަރާ ކޮށްފައެވެ.