Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިލްޔާސްއާ ދެމެދު އުފެދުނު ނުތަނަވަސްކަން ނިމުމަކަށް ގެނެސްފިން: ޝަހީމު

2014 ވަނަ އަހަރުން ފެށިގެން ޝައިޚު އިލްޔާސް ޙުސައިންނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނެވި އަޚުވަންތަކަން އަލުން އިޢާދަކުރެވިފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމު މިއަދު ވިދާޅުވީ އިލްޔާސްއާ އޭނާއާ ދެމެދު ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމަށާއި ގުޅުން ކެނޑިފައި ގާތް ގަނޑަކަށް ހަތަރު އަހަރު ވަންދެން އޮތް ކަމަށެވެ.

ނަމަވެސް ޤައުމަށް އެންމެ ރަނގަޅު ގޮތަކީ އިސްލާމީ ޢިލްމުވެރިން ޚިޔާލު ތަފާތުވުން ކުޑަކުރުން ކަމުގައި ފެންނާތީއާއި ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮ މީހަކީ ސަލާމަތްތެރި ހިތަކާއިގެން އައި މީހެއްކަމުގައި ވާތީއާއި ސިޔާސީ ގުޅުންތަކަށް ވުރެ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިވެރިކަން ﷲ ގެ ޙަޟްރަތުގައި ބޮޑުކަމަށްޓަކައްޔާއި މުސްތަޤުބަލުގައި ރާއްޖެއަށް ވެސް އެންމެ ހެޔޮ ގޮތަކީ އިސްލާމީ ޢިލްމުވެރިންގެ ސަފުތައް އެއްބައިވަންތަކޮށްގެން ކަމުގައި ދެކޭތީވެ ޝައިޚު އިލްޔާސްއާއި އަޅުގަނޑާ އޮތް ޒަމާންވީ އިސްލާމީ ގުޅުން އިޢާދަކުރަން އަޅުގަނޑު ނިންމީ ކަމަށް ޝަހީމު ވިދާޅުވިއެވެ.

"ޝައިޚު އިލްޔާސްއާ އަޅުގަނޑާ އޮތް ގުޅުމަކީ ދުވަސްވީ ގުޅުމެއް. އެއިގެ ތެރެއިން ޢަދާލަތު ޕާޓީ އުފެއްދުމުގެ ޙަރަކާތުގެ ތެރެއިން އިތުރަށް ގާތްކަން އުފެދިގެން ދިޔަ. ޝައިޚު އިލްޔާސަކީ އިސްލާމީ ދަޢުވަތުގެ ކަންކަމުގައި އަޅުގަނޑާއެކު އެންމެ ގާތުން މަސައްކަތްކުރެއްވި ބޭފުޅެއް" ޝަހީމު ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ އެ ދެ ބޭފުޅުންގެ އަޚުވަންތަކަން އިޢާދަވުމާއި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ހަތަރު ވަރަކަށް އަހަރަށް ފަހު ވަރަށް ފަހުން ބައްދަލުވެ، އަދި އެކި ކަންކަމާ އިލްޔާސާ މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.

އިލްޔާސް އާއި ޝަހީމު އަލުން އެކުގައި މަސައްކަތް ކުރަމުން ނިންމިއިރު މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި މި ދެ ބޭފުޅުން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.