Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ސިއްހީ ދާއިރާ އިން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެއިން ހޯދައިފި: ޑރ.ޕޫނަމް

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ނައިބު ރައީސް ފައިޞަލް ނަސީމާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު މިބައްދަލުވުމުގައި، ޑރ. ޕޫނަމް ކެތްރަޕާލް ވަނީ އާންމު ޞިއްހަތުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ރާއްޖެއަށް ތަޢުރީފް ކުރައްވައިފައެވެ. އެގޮތުން މީސަލްސް އާއި މެލޭރިޔާފަދަ ބަލިތައް ނައްތާލުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

އަދި ސަރަޙައްދީ އެހެން ޤައުމުތަކާ އަޅާބަލާއިރު ޞިއްޙީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ހޯދާފައިވާކަން ޑރ. ޕޫނަމް ކެތްރަޕާލް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ޑރ. ޕޫނަމް ކެތްރަޕާލް ވިދާޅުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޖިއޮގްރަފީ ގޮތުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ރާއްޖޭގެ އާންމު ޞިއްޙަތުގެ ދާއިރާއަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެމުން ގެންދާ އެހީތެރިކަން ކުރިޔަށް އޮތްތަނުގައިވެސް ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.