Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކަނޑު އުޅަނދު ބަަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ފޮޓޯ- ޕޮލިސް

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން ހުޅުމާލެ އަދި ހުޅުލޭގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިހުން ފަށައިފިއެވެ.

މިޖުލައި މަހުގެ 14 ދުވަހު “އަމާން ދަތުރަކަށް” ގެ ނަމުގައި ފެށި މިޕްރޮގްރާމްގެ ދަށުން، މަސްދޯނި ފަހަރާއި މުދާއުފުލާ އުޅަނދުފަހަރާއި ޕަސިންޖަރުން އުފުލާ އުޅަނދުތައް ބަލައިފާސްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކޮށްފައިވާ ސީވާދިނަސް ހުއްދައާ އެއްގޮތަށް އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިތޯ ބެލުމާއި އެއުޅަނދެއް ދުއްވަނީ ލައިސަންސް އޮތް ފަރާތެއްތޯ ކަށަވަރު ކުރުމާއި އެއްވެސް އުޅަނދެއްގައި ކެޕްޓަނުންގެ ގޮތުގައި ބިދޭސީން އުޅޭތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު ދިނުން މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާނެއެވެ.

އަދި ކަނޑުމަތިން އެއްވެސް އުޅަނދަކަށް ހާދިސާއެއް ދިމާވެއްޖެނަމަ ފުލުހުންގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން އެންމެ އަވަސް ގޮތެއްގައި ފޯރުކޮށް ދިނުމަށް މަގުފަހި ކުރުމުގެ ގޮތުން، މިޕްރޮގްރާމްގެ ދަށުން ބަލައިފާސްކުރެވޭ އުޅަނދު ފަހަރުގެ ވެރިފަރާތުގެ މަޢުލޫމާތާއި އުޅަނދު ދުއްވާ ފަރާތުގެ މަޢުލޫމާތާއި ފަޅުވެރިންގެ މަޢުލޫމާތު ނަގައި އެފަރާތްތަކާ ގުޅޭނެ ނަންބަރުވެސް ދަނީ ނަގަމުންނެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މިކަމަށްޓަކައި ހުޅުލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 48 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ.