Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ބާ ކައުންސިލްގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވައިފި

އަލަށް އިންތިޚާބުވި ބާ ކައުންސިލުގެ މެންބަރުންނާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ބާ ކައުންސިލު އުފެދިގެން ދިއުމަކީ ޤާނޫނީ އަދި ޝަރުޢީ ދާއިރާ އިސްލާޙުކޮށް ތަރައްޤީ ކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން މިއީ ޤާނޫނީ އަދި ޝަރުއީ ދާއިރާއަށް އާންމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި ބާ ކައުންސިލްގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލު މެންބަރުންނަށް ރައީސް ދެއްވިއެވެ.

މި ބައްދަލުވުމުގައި ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު މައުމޫން ޙަމީދާއި ނައިބު ރައީސް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒާއި ދައުލަތުގެ އެޓާނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ބާ ކައުންސިލުގެ މެންބަރުންކަމުގައިވާ އަލްއުސްތާޛު އަޙްމަދު މުޢިއްޒާއި އަލްއުސްތާޛާ އަނާރާ ނަޢީމާއި އަލްއުސްތާޛާ އާއިޝާ ސުޖޫން މުޙައްމަދާއި އަލްއުސްތާޛް އަނަސް ޢަބުދުއްސައްތާރާއި އަލްއުސްތާޛް މުޙައްމަދު ފައިޞަލާއި އަލްއުސްތާޛް މުޙައްމަދު އަޞީލް ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބާ ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލުގެ މެންބަރުންނާ ބައްދަލުކޮށްލެއްވީތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.