Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުން ބޭރަށް ފޮނުވަން މަސައްކަތް ކުރަނީ

ރާއްޖޭގައި ޕައިލެޓް ލައިސަންސް ކިޔަވަމުންދާ ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަރް ކުރަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔަރ އެޑިއުކޭޝަނުން މިގޮތަށް މަސައްކަތް ކުރަން ފަށާފައި މިވަނީ ރާއްޖޭގައި ޕައިލެޓު ލައިސަންސް ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން މަޑުޖެހި އެ ދަރިވަރުން ކޯސް ނުނިމި ދިގު ދެމިގެންދާތީ އެވެ.

ހަޔަރ އެޑިއުކޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫ ސީޓީގެ ގަމުގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އޭރޮނޮޓިކްސްއިން ހިންގާ ޕައިލެޓް ލައިސަންސް ކޯސް ކިޔަވާ ދަރިވަރުންނަކީ ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި ލޯނުގެ ދަށުން ކިޔަވާ ދަރިވަރުން ކަމަށާއި އަދި ރާއްޖޭގައި ކިޔަވަން ދޫކުރާ ލޯނުން ބޭރަށް ކިޔެވުމުގެ ކަންކަން ހަމަޖައްސައިދިނުމުގެ އުސޫލެއް ނޯންނަ ކަމަށެވެ.

ނަމަވެސް އެ ދަރިވަރުންގެ ކޯސް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ދިމާވެފައިވާކަން ފާހަގަކުރަމުން ހަޔަރ އެޑިއުކޭޝަނުން ބުނީ އެ ދައްޗަކީ ދަރިވަރުންގެ އިހްތިޔާރުން ބޭރުގައިވާ ކަންކަމަށް ވުމުން އެ ދަރިވަރުންގެ ކިޔެވުން ރާއްޖެއަށް ބޭރަށް ހަމަޖައްސައިދިނުމަށް މަސައްކަތް މިނިސްޓްރީން ކުރާ ކަމަށެވެ.

މިނިސްޓްރީން ބުނީ ކިޔެވުން ރާއްޖެއިން ބޭރަށް ބަދަލުކޮށްދޭ ދަރިވަރުންގެ ކިޔެވުމަށް އިތުރު ފައިސާއެއް ހަރަދުވާ ނަމަ އެ ހަރަދުތައް ބަލަހައްޓަން ޖެހޭނީ ދަރިވަރަކު އަމިއްލައަށް ކަމަށެވެ. އަދި މި ފުރުސަތުގެ ދަށުން ޕައިލެޓް ލައިސަންސް ކިޔަވާ ދަރިވަރުން ރާއްޖެއިން ބޭރަށް ބަދަލުވާން އެދޭނަމަ، ދާން ބޭނުންވާ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ އާއި ފީ ސްޓްރަކްޗާ އަދި އައިޑީ ކާޑު ކޮޕީ މިނިސްޓްރީއަށް ހުށަހެެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އަށް ގަމުން ދީފައިވާ ބިމުގެ މުއްދަތު ޖެނުއަރީ މަހުގެ ނިޔަލަށް ހަމަވެފައިވާ އިރު އެތަނުގެ މުސްތަގްބަލާއި މެދު ވަނީ ސުވާލު އުފެދިފައެވެ.