Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ސީލައިފް މައްސަލަ ކޯޓުން ބޭރުން ހައްލުކޮށް، ސަރުކާރުން ބަދަލު ދެނީ

ސީލައިފްއިން އަޅަން ނިންމި ފްލެޓުތަކުގެ ކުރެހުމެއް ---

ސީލައިފް ގްލޯބަލް އިން ފްލެޓް އެޅުމަށް ފައިސާ ދެއްކި ފަރާތްތަކަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުގެ ބޭރުން މައްސަލަ ހައްލުކޮށްފި އެވެ.

ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު އަދި މިހާތަނަށް އެކުންފުނިން އިމާރާތް ކުރާ އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތެއް ނުކުރެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯރަޕޭޝަން (އެޗްޑީސީ) ބުނާ ގޮތުން ފްލެޓަށް ޑައުންޕޭމެންޓް ނަގެން ޖެހޭނީ ތަރައްގީ ކުރާ ފްލެޓްގެ ހަތް ޝީޓް އެޅުމަށްފަހުއެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރާނެ ކަމަށް އިއުލާންކޮށް މައުލޫމާތު އާންމުކުރި އެޕާޓްމެންޓްތައް ގަތުމަށް ދައްކާފައިވާ ފައިސާ އަނބުރާ ދީފައި ނުވާތީއާއި އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން 200އަށްވުރެ ގިނަ ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުން އިއްވި ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންނާއެކު ސެޓުލްމެޓް އެގްރީމެންޓެއްގައި ސޮއި ކޮށްފައިވާތީ އެ މައްސަލައަކީ ހައްލުކޮށް ނިމިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައަކީ ކޯޓުން ބޭރުގައި ހައްލު ކުރެވިފައިވާ މައްސަލައެއް ކަމަށާއި އެއެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ. ސެޓުލްމެންޓް އެގްރީމެންޓެއް ހަދާފައިވަނީ އެޗްޑީސީއާ ސަރުކާރާއި ސީލައިފް މައްސަލާގައި ދައުވާ ކުރާ މީހުންނާއެކު މަޝްވަރާ ކުރުމަށްފަހު އެވެ.

ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވެއެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ.

މި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އައްމަޓީގެ އެއްވެސް ހަބަރެއްނުވެއެވެ.