Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

ހަރަމައިން ހައްޖު ގްރޫޕުގެ މީހުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަނީ

ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖަށް ގެންދިއުމުގައި، އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނެގި މައްސަލާގައި އެ ޖަމާއަތުގެ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގަން ފަށައިފިއެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ އަލްހަރަމައިން ނަމަކަށް ކިޔާ ހައްޖު ޖަމާއަތަކުން ހައްޖުވެރިންގެ އަތުން އެއްލައްކަ ރުފިޔާ ނަގާތީ އެ ޖަމާއަތުގެ އޮފީހުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ވީޑިއޯ ވައިރަލްވެ އެތައް ބަޔަކު އެކަމަށް ފާޑުކިޔާ ކަންބޮޑުވުން ފާޅު ކުރަން ފެށުމާއި އެކު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ އެ ވީޑިއޯގައި ނަގަންޖެހޭ އަގަށްވުރެ ގިނައިން ފައިސާ ނަގާފައިވާތީ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން އަންހެނުންތަކެއް ވާހަކަދައްކާ މަންޒަރު ފެނެއެވެ.

އެ ވީޑިއޯއިން އަލްހަރަމައިިންގެ ފަރާތުން ވާހަކަ ދައްކަން އިނީ ޕީއެސްއެމްގެ އެކްޓިން ޑިރެކްޓަރ އޮފް ނިއުސް މުހައްމަދު އަފްޒަލް އެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ އެ ޖަމާއަތާއި އެކު ވަރަށް ގިނައިން ހައްޖުގެ އަޅުކަން އަދާކުރަންދާ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގައި އެ ޖަމާއަތުގެ މީހުން ފުލުހަށް ހާޒިރުކޮށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ އެ ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތަށް ކޮންމެ ހައްޖާޖީއެއްގެ އަތުން 69،965ރ. ނެގުމަށެވެ. ނަމަވެސް އެ ޖަމާއަތުން 100،000ރ. ނަގާ ކަމަށް ފައިސާ ދެއްކި ބައެއް މީހުން ބުނެ އެވެ.