Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ކުރީގެ ރައީސް ޔާމީން، ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑރިންގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެ ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފައެވެ. އަދި ޔާމީން ބަންދުން ދޫކޮށްލަން ކުރި އަމުރާއި އޭނާގެ އެކައުންޓުތައް ފްރީޒުކުރަން ކުރި އަމުރު ހައިކޯޓުން ބާތިލް ކުރުމުން ޕީޖީން ވަނީ އެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

މިދިޔަ މެއި މަހުގައި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އިސްތިއުނާފުގެ އަޑުއެހުމުގައި ޕީޖީން ވަނީ ޔާމީންގެ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް އެދިފައެވެ. އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފައިވާއިރު ދެން އޮންނާނީ އެ މައްސަލައިގެ ހުކުމެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލާގައި ޔާމީންގެ މައްޗަށް އަދި ދައުވާ ކުރައްވާފައެއް ނުވެއެވެ.