Last Updated: April 18, 17:37
Thursday, April 18, 2024
ޚަބަރު

އާޒިމާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަނީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު: ފޮޓޯ - ވީނިއުސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގައި ކުރިން ހުންނެވި އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިން މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ހަވާލުކޮށްފައިވާއިރު އާޒިމާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ އުފުލާފައިވާ ދައުވާއަކީ ބަޔަކު ގަސްތުގައި ރާވައިގެން އޭނާގެ އަޑު ކަނޑުވާލުމަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

އާޒިމާ ވިދާޅުވީ ދައުވާ އުފުލާފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުން ކަމަށާއި ޚިޔާނާތުގެ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައި ނުވާނެކަމަށެވެ. އަދި އެ މައްސަލައިގެ ތަފްސީލު ދެއްވާނީ ކޯޓުގެ އަޑުއެހުންތަކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އާޒިމާ އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.