Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

މަސްވެރިކަމުގެ ސިޔާސަތު އިއުލާން ކުރުމުގެ ޖަލްސާ ފަސްކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހް ކުރުމަށްޓަކައި މިރޭ މ. މުލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު އިއުލާން ކުރުން ފަސްކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް މި ޖަލްސާ ބާއްވާނެ ތާރީހް ހާމަ ކުރާނެ ކަމަށެވެ.

ދިވެހި ކަނޑުފަޅުގެ ނަފާ ދިވެހިންނަށް ހޯދާ ދިނުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދެކެވެ.

ދާދިފަހުން ގދ. ތިނަދޫގައި ވަނީ މަސްވެރިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ޖަޒީރާ ހޮޅުއަށިވެސް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ މަސްވެރިކަން ތަރައްޤީ ކުރުމަށް ޖާގަ އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖެއަށް ބާނާ މަސް އިތުރުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށާއި އަދި ބާނާ މަހަށް ލިބޭނެ އަގު، މިއަށްވުރެ އިތުރުކުރެވޭނެ ކިތަންމެ ގޮތެއް އެބައޮތް ކަމަށް އެރޭގެ ޖަޒީރާ ހޮޅުއަށީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ. މިއަދު ސަރުކާރުން މަސައްކަތް ކުރަނީ، އެ ދިމާއަށް ދިއުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގައި، މަސްވެރިންނަށާއި، މަސްވެރިކަން ކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުން އެބައޮތް ކަމަށެވެ. އޭގެއިތުރުން، ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަންނީ ތަޖުރިބާ ހޯދައިދިނުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.