Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

އެސްއޯއެފްގެ އެކައުންޓު ދޫކޮށްލަން އެންގީ އެފްއައިޔޫއިން: ބީއެމްއެލް

މާލިއްޔަތު ކޮމެޓީގައި ބީއެމްއެލްގެ އިސްވެރިން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / އައްޑޫލައިވް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާތައް ޖަމާކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓު ހޯލްޑު ކުރުމަށްފަހު ކަން ހިނގަމުންދާ ގޮތް އެމްއެމްއޭގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ އިސްވެރިންގެ ސަމާލު ކަމަށް ގެނައި ކަމަށާއި ނަމަވެސް އެކަން އެފަރާތުން ހުއްޓުވާފައި ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބީއެމްއެލްގެ އިސްވެރިން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ 2014ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު އެސްއޯއެފްގެ އެކައުންޓު ހޯލްޑު ކުރުމަށްފަހު އެކަން އެފްއައިޔޫގެ އިސްވެރިންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެސްއޯއެފްގެ އެކައުންޓު އޭރު ހޯލްޑުކުރި ސަބަބެއް ކަމަށް ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ މަނީލޯންޑްރިންއަށް ޝައްކުވާ މުއާމަލާތެއް އެސްއޯއެފްގެ އެކައުންޓުން 2014ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު ހިންގާފައިވާތީ ކަމަށެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފް ވިދާޅުވީ ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް އެންގީ އެފްއައިޔޫއާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ބީއެމްއެލްގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.

"އިތުރު މުއާމަލާތްތަކަށް އެކައުންޓް އިންއެކްޓިވޭޓްކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ނީޒާ އިމާދުގެ ފަރާތުންވެސް އަދި އާތިފް ޝަކޫރުގެ ފަރާތުންވެސް އެއް އިންސްޓްރަކްޝަން އައި،" ޔާމީން ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ 1.3 ބިލިއަން ރުފިޔާ ގެއްލުވާލީ ބޭންކްގެ ތެރެއިން ކަމަށް ގަބޫލުކުރަންތޯ މެންބަރަކު ސުވާލު ކުރެއްވުމުން ޑެޕިއުޓީ ސީއީއޯ ވިދާޅުވީ އެކަމުގައި ބީއެމްއެލްގެ އިހުމާލެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ހިނގާފައިވާ ކަމެއް ނަމަ އެކަން ހިނގާފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޭސީސީގެ މެމްބަރުން ހާޒިރުކޮށް ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު ބުނެފައިވަނީ ބީއެމްއެލްގެ 38 މުވައްޒަފަކު އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތައް އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކުރުމުގައި ބައިވެރިވި ކަމަށެވެ.