Last Updated: March 29, 06:30
Friday, March 29, 2024
ދުނިޔެ

އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އިރާނުން ހިފަހައްޓައިފި

އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އިރާނުން ހިފަހައްޓައިފިއެވެ.

ހޮރްމޫޒް ކަނޑުގެ ސަރަހައްދުން އިރާނުގެ އަސްކަރިއްޔާއިން ހިފަހައްޓާފައިވަނީ "ސްޓެނާ އިމްޕީރޯ" ކިޔާ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެކެވެ.

އިރާނުގެ އަސްކަރިއްޔާ އިން ބުނީ މި ތެޔޮ ޓޭންކަރު ހިފެހެއްޓީ ބައިނަލްއަގްވާމީ ކަނޑުތަކުގެ ގާނޫނާއި ހިލާފުވެފައިވާތީއެވެ.

ހިފެހެއްޓި ޓޭންކަރުގެ ވެރިޔާ ސްޓެނާ ބަލްކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބޯޓާއި ގުޅޭ ގޮތް އަދި މިހާތަނަށް ވެފައިނުވާ ކަމަށާއި އެ ބޯޓުގައި 23 ފަޅުވެރިން ތިބި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިޔާ އާއި ރަޝިޔާ އާއި ލެޓްވިއާގެ އިތުރުން ފިލިޕީންސް އަށް ނިސްބަތްވާ މީހުން ކަމަށާއި އޭގެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް ބަލްކް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް ވަނީ އީރާނުން މި މައްސަލަ އަވަހަށް ހައްލު ނުކޮށްފި ނަމަ ވަރަށް ސީރިއަސް ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"އަސްކަރީ ގޮތުން މިކަން ހައްލު ކުރާކަށް އަހަރުމެން ބޭނުމެއް ނޫން. ޑިޕްލޮމެޓިކް ގޮތަކަށް މިކަން ހައްލު ކުރެވޭނެ. ޔަގީންވާ ކަމަކީ މިއީ ވަރަށް އަވަހަށް ހައްލުވާންޖެހޭ ކަމެއްކަން" ހަންޓު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އީރާނުން ހިފަހައްޓާފައި މިވަނީ އެގައުމުގެ ބޯޓެއް އިނގެރޭސިވިލާތުގެ ސިފައިން ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ.