Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ލައި ޑިޓެކްޓާއެއް މަޖިލީހަށް ހަދިޔާކޮށްދޭން އުގެއިލް އަށް ޖާބިރު ގޮވާލައިފި

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު --- ފޮޓޯ / މަޖިލިސް

ދޮގު ހެދުމުން އެކަން ދެނެގަނެވޭ ނިޒާމް (ލައި ޑިޓެކްޓާ) އެއް ރައްޔިތުންގެ މަޖިލީހަށް ހަދިޔާކޮށްދެއްވަން ޕްރޮފެސަރ ހަސަން އުގެއިލްގެ އަރިހުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ކޮމިޓީތަކަށް އައިސް ބައެއް މުއައްސަސާތަކުގެ އިސްވެރިން ދޮގު ހަދާ ވާހަކައަށް އިޝާރާތް ކުރައްވާ މިއަދު ޖަލްސާގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު މުއައްސަސާތަކުގައި ތިބި އެންމެން ބަދަލުކޮށް އާ ބަޔަކު އެ މަގާމުތަކަށް އައްޔަންކޮށް އަދި ކުރިން ތިބި އެންމެންނަކީ "ވަގުން" ކަމަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަދި ވައްކަމެއް ކޮށްފައިވާނަމަ އެކަން ބަލަންޖެހޭ ނިޒާމުން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ދެން އޮތް ގޮތަކީ "ލައި ޑިޓެކްޓާ" އެއް ގެނެސްގެން އެކަން ކުރުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"މި ގައުމުގެ ރައްޔިތެއް ކަމަށްވާ ޕްރޮފެސާ އުގެއިލު އެ ވެސް ތައްޔާރުކުރީ، ލަންޑަނަށް ގޮސް. އެ ބޭފުޅާ އަޅުގަނޑުމެންނަށް ހިލޭވެސް އެކަން ކޮށްދެއްވާނެ. އަޅުގަނޑު ގޮވާލަން ޕްރޮފެސާ އުގެއިލް އަށް މިތަނަށް ހަދިޔާކޮށްދެއްވާށޭ ލައި ޑިޓެކްޓަރެއް" ޖާބިރު ވިދާޅުވިއެވެ.

މަޖިލީހަށް ވަޑައިގެން އެއްވެސް ފަރާތަކުން ދޮގު ހަދައިގެން ނުވާނެ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް އެކަންކަން ތަހުގީގު ކުރަން އޮތް ތަނަކީ މަޖިލިސް ނޫން ކަމަށާއި އެފަދަ ކަންކަން ބެލުމަށް ތަހުގީގީ އިދާރާތައް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުން ކަންކަން ސާފުކުރާނީ. ޑިސިޝަންސް މޭކްކޮށްފައި އަންގާނީ ތަހުގީގު ކުރާ ފަރާތްތަކަށް. އެ ފަރާތްތަކުން ކަނޑައަޅާނެ އެއީ ދޮގެކޭ ތެދެކޭ. އެ މަގަށް މަސައްކަތް ކުރަންޖެހޭނީ" ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގެ ކޮމިޓީއަކަށް ވަޑައިގެން ބޭފުޅަކު ދޮގު ހެއްދެވި ނަމަވެސް އެ ފަރާތެއްގެ ޖިސްމު ކަތިލައިގެން ނުވާނެ ކަމަށާއި އެފަދަ ޒިންމާދާރު ކުޑަ ގޮތެއްގައި މަޖިލިސް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.