Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

15 އަހަރުން ދަށުގެ ޓީމުން ބައެއް ކުޅުންތެރިން ވަކިކޮށްފި

އެފްއޭއެމްގެ އިދާރާ - ފޮޓޯ: ވީނިއުސް

15 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންތަކެއްގެ ވީޑިއޯގެ މައްސަލަ ބެލުމަށްފަހު އެކަމުގައި ހިމެނުނު ކުޅުންތެރިން ގައުމީ ޓީމުން ވަކި ކޮށްފިއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ވީޑިއޯއަކީ މިހާރު އައްޑޫގައި ކުރިއަށްދާ ފަނަރަ އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ކޮށްފައިވާ ކަމެއް ނޫންކަމަށެވެ. ނަމަވެސް ސޯޝަލް މީޑީއާގައި އާންމުވެފައިވާ ވީޑިއޯގައި ހިމެނޭ ބައެއް ކުދިން އައްޑޫގައި ކުރިއަށްދާ މުބާރާތަށް ނެގި ޓީމުގައި ވެސް ހިމެނޭ ކަމަށް އެފްއޭއެމްއިން ބުނެއެވެ. އެހެންކަމުން އެކުދިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑީއޯއަކީ މިދިޔަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މުބާރާތެއްގައި ހިނގި ކަމެއްކަން އެނގިފައިވާކަމަށް އެފްއޭއެމްއިން އެބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން އެކުދިން މިހާރު ޓީމުން ވަކިކޮށް މާލެ ގެނެސްފައިވާ ކަމަށް އެފްއޭއެމް އިން ބުންޏެވެ.

އެފްއޭއެމް އިން ބުނީ މިފަދަ އަހްލާގީ މައްސަލަތަކަކީ އެ އެސޯސިއޭޝަނުން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ކުޅުންތެރިންގެ ކަންކަން ގާތުން ބަލައި އިތުރަށް ފަރުވާތެރި ވުމަށް ޓީމުގެ އޮފިޝަލުންނަށް ވެސް ނަސޭހަތް ދީފައި ވާނެ ކަމަށް އެފްއޭއެމްއިން ބުންޏެެވެ.