Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޑީއާރްޕީން މެންބަރު އާމިރަށް ދައްކަންޖެހޭ ފައިސާގެ ބައެއް ހައިކޯޓުން އުނިކޮށްފި

މެންބަރު އާމިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން ކުޑަ ހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ދައްކަން ޖެހޭ 16.3 މިލިއަން ރުފިޔާގެ ތެރެއިން ބައެއް އުނިކުރުމަށްފަހު، ހިދުމަތުގެ އަގަށްވާ ފައިސާ އެކަނި ދެއްކުމަށް ޑީއާރްޕީގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން ބާތިލް ކޮށްފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ފައިސާއެވެ. ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ. ސިވިލް ކޯޓަށް އާމިރު އޭރު ހުށަހެޅި މައްސަލައަކީ އާމިރުގެ ވީޑިއޯ ޕްރޮޑަކްޝަން ދެ ސްޓޯޑިއޯއަކުން 2007 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަޔަށް ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަކަށް އެ ޕާޓީން އާމިރުއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް 4.5 މިލިޔަން ރުފިޔާއާއި، އެފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން ޑީއާރްޕީގެ މައްޗަށް 16.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރުމުން އެމައްސަލަ ޑީއާރުޕީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ، އާމިރުގެ ދެ ސްޓޫޑިއޯއިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހި ދައްކާފައިނުވާ ޖުމްލަ އަދަދު ކަމުގައިވާ ހަތަރު މިލިއަން ސާޅީސް ފަސްހާސް ފަސްސަތޭކަ ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށެވެ. އަދި އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށްވެސް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޑީއާރްޕީގެ ތަފާތު އެކި މައްސަލަތައް ސިވިލް ކޯޓުގައި މިހާރުވެސް އެބައޮތެވެ. މި މައްސަލަތަކަކީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީން ކޮށްފައިވާ ހަރަދުތަކާއި ތަފާތު އެކި ފަރާތްތަކުގެ އެހީތެރިކަމާއި އެކުގައި އޭރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކޮށްފައިވާ ހަރަދުތައް ހޯދުމަށް އެ ފަރާތްތަކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެވެ.