Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އިލްހާމްގެ އަނބިކަނބަލުން "ރަހީނުކުރި" މައްސަލަ ބަލަން ނިންމައިފި

މިއަދު ބޭއްވި ޕްރޮސިކިއުޓަރުންގެ މަހާސިންތާގައި ޕީޖީ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / އައްޑުލައިވް

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު އަނބިކަނބަލުން އާމިނަތު މާޝާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް "ރަހީނުކުރި" މައްސަލަ ބައްލަވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ މާޝާ ރަހީނުކުރި މައްސަލާގައި ޕީޖީ އަމަލު ކުރެއްވި ގޮތް ސާފު ކުރުމަށް ޕީޖީއަށް ތަފާތު އެކި ގޮތްގޮތަށް ސުވާލު ކުރައްވާފައެވެ. އަދި އެކަމުގައި މެންބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

މާޝާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11ވަނަ ދުވަހުއެވެ. އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ސުވާލު ކުރުމަށް ކަމަށްވެއެވެ. ނަމަވެސް ސުވާލު ކުރުމަށް ކަމަށް ބުނެ އެދުވަހުގެ މެންދުރެއްހާއިރު މާޝާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު، ހައްޔަރުކުރި ކަމަށް ގިނަ ބަޔަކު އޭރު ދިޔައީ ބުނަމުންނެވެ. އަދި މާޝާ ދޫކޮށްލީ އެރޭގެ ވަގުތެއްގައެވެ. އޭރު ފުލުހުން ބުނީ އިލްހާމް ހޯދަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

ތުހުމަތަކާ ނުލައި ފުލުހުންގެ އިދާރާ އެހާ ގިނައިރު ބޭންދުމަކީ "ރަހީނު ކުރުން" ކަމުގައި އިއްޔެގެ ކޮމެޓީގައި މެންބަރު ހިސާން ވިދާޅުވިއެވެ.

މެންބަރު އިލްހާމް ޖަލުން ދޫކޮށްލެއްވި ދުވަހު އޭނާގެ އަނބިކަނބަލުން ގައިގައި ބައްދާލަނީ — ފޮޓޯ / މިހާރު

އެކަމާ ގުޅިގެން ބިޝާމް ވިދާޅުވީ މާޝާ ރަހީނު ކުރި މައްސަލަ އެއްވެސް އިރެއްގައި ޕީޖީ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށާއި އެ ކަމުގެ މައުލޫމާތު އޭނާއަށް އެނގިވަޑައިގަތީ މައްސަލަ ހިނގިތާ ވެސް ދުވަސްތަކެއް ފަހުން ކަމަށެވެ. ނަމަވެސް ދަނގެތި ދާއިރާގެ މެންބަރު އިލްހާމްގެ މައްސަލައިގެ ޕްރޮސިކިއުޝަން މަރުހަލާގައި އިލްހާމްގެ އަނބިކަނބަލުންގެ މައްސަލާގައި ޕީޖީގެ ވަކީލުން ފުލުހުންނާއި ސުވާލު ކުރެއްވި ކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް ޕީޖީގެ އެ ސުވާލަށް ފުލުހުން އޭރު ޖަވާބު ދެއްވާފައި ނުވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލާގައި މެންބަރުން ފާޅު ކުރައްވަމުން ގެންދެވި ކަންބޮޑުވުންތަކާއި ގުޅިގެން ބިޝާމް ވަނީ އެ މައްސަލަ ބަލާނެ ކަމަށާއި އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބިޝާމް އިއްޔެގެ ކޮމެޓީގައި ވިދާޅުވިއެވެ.